މައިކްރޯސޮފްޓް އޮފީސް 365އަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

މައިކްރޯސޮފްޓް އޮފީސް 365އަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އިން މައިކްރޯސޮފްޓް އާއިއެކު...

20 Sep 2021 | 08:10

މައިކްރޯސޮފްޓް އޮފީސް 365އަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އިން މައިކްރޯސޮފްޓް އާއިއެކު ދާދިފަހުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ފެށި މަސައްކަތެކެވެ.

މިގޮތުން ފުރަތަމަ ބަދަލުކުރެވުނު ކައުންސިލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލެވެ.

މައިކްރޯސޮޕްޓް އޮފީސް 365ގެ ޚިދުމަތް ރޯލްއައުޓް ކުރުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރު އޮފީސްތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމެވެ.

މިގޮތުން މައިކްރޯސޮޕްޓް އޮފީސް 365 އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށެވެ. އަދި އެއަށްފަހު ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް މި  ޚިދުމަތް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފަ އެވެ.

މިކަމަށްޓަކައި ހިންގާ މަޝްރޫއުގެ ދަށުން މުޅިއެކު 20،000 ސަރުކާރު މުވައްޒަފުން، (4،200 ކައުންސިލަރުން ހިމެނޭ  ގޮތަށް) މައިކްރޯސޮފްޓް 365އަށް ބަދަލުކުރެވި އަދި ބޭނުންކުރަން ދަސްކޮށްދެވޭނެ އެވެ.

މައިކްރޯސޮފްޓް 365 ފަދަ މުހިއްމު ޚިދުމަތެއް ސަރުކާރުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުން ދައްކުވައިދެނީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެހީގައި އާންމުންނަށް ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އިސްކަމާއި ސަމާލުކަމާއި އަހުމިއްޔަތުކަމެވެ.

މައިކްރޯސޮފްޓް 365 އަކީ ސަރުކާރުގެ ޑިޖިޓަލް އޭޖެންޑާގައި ހިމެނޭ މުހިންމު  މަޝްރޫޢެކެވެ. ސަރުކާރުގެ އޮފީސްތަކުގެ ކައުންޓަރުދޮށުގައި ކިއުގައި ނުޖެހި ސަރުކާރާއި ސަރުކާރުގެ އޮފީސްތަކުން ދޭ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ސިޔާސަތަށް ކުޅުދުއްފުށީ ސިޓީ މޭޔަރ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީއިން ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.

މައިކްރޯސޮފްޓް އޮފީސް 365 ކުޅުދުއްފުށި ސިޓީ ކައުންސިލަށް ރޯލްއައުޓް ކުރުމުގެ ތެރެއިން މިނިސްޓްރީގެ ސްޓޭޓް  މިނިސްޓަރ މުޙައްމަދު ޝަރީފް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ ތަސައްވުރެއްކަމުގައިވާ ސްމާޓް ސިޓީ ކައުންސިލަކަށް ކުޅުދުއްފުށި ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން ވެސް އޮޅުންފިލުވާލެއްވެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް