މިނިމަމް ވޭޖް ކަނޑައެޅުމުން، އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވިގެންދާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްކުގެ މައުލޫމާތު ދިނުމަށް ނެރުނު ބަޔާނެއްގައި މިއަދު ބުންޏެވެ.
ބަޔާނުގައި ބުނެފައި ވަނީ މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރުގެ ތެރޭގައި ޢިއުލާނު ކުރާނެ ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެ ބަޔާނުގައި ކޯވިޑް-19 ގެ އެންމެ ދަތި ހާލަތުގައި ވެސް ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ ކުޑަ ކޮށްފައިނުވާ ކަން ފާހަގަކޮށްފައެވެ.
ބަޔާނުގައި ބުނީ ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭހެން އެކުލަވާލަމުން އަންނަ މުސާރައިގެ އާ އޮނިގަނޑު މި އަހަރު ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ.
މީގެ އިތުރުން ބުނީ މި އޮނިގަނޑު ކަނޑައަޅާފައިވަނީ ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ޢިލްމީ ގާބިލުކަމާއި ފަންނުވެރިކަމާއި، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމާއި، ކުރިމަތިވެދާނެ ތަފާތު ވައްތަރުގެ ހިރާސްތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިލާންޖެހޭނެ ޖިސްމާނީ ބުރަތަކަށް ބަލައިގެން ކަަމަށް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް