ވަރަށް ބޮޑަށް ހޫނުވެފައިވާ ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓާ ފިޔަވަތީގެ މައްސަލައިގަ މުވައްޒަފުން ޖެންޑާ މިނިސްޓްރީ އާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ތަނުގައި އަލިފާން ރޯކޮށްލި އިރު އޭގެ ފަހުން އަބަދުވެސް ފިޔަވަތީގެ ތެރޭގައި އަޑުގަދަ ކުރުމާއި ކުދިން ފުރާޅު މައްޗަށް އަރައި ހަޅޭއްލެވުން ފަދަ ކަންކަން ކުރުން ވަނީ އިތުރުވެފަ އެވެ. މި މައްސަލައިގަ ޖެންޑާއިން މިހާތަނަށް ބުނީ އެކުދިން ފުރާޅަން އަރަން ހުއްދަ ދެނީ އެކަން ކުރަން އެދޭތީ ކަމަށާއި އެކަމަކު އެތަނަށް އަރައި އަޑުގަދަކޮށް ހަދާނަމަ އާންމުން އެކަމަށް ސަމާލުކަން ނުދިނުމަށް އެދޭ ކަމަށެވެ.
މައްސަލަތައް އިތުރަށް ހޫނު ވަމުންދަނިކޮށް އިއްޔެ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ގަޑިއެއްގާއިރަށް މަސައްކަތް ހުއްޓާލި އެވެ. އެކަމަކު އެ މީހުން އިއްޔެ ހަވީރުގެ ވަގުތެއްގައި އަލުން ވަނީ އެތަނަށް ވަދެ މަސައްކަތް ފަށާފަ އެވެ.
"ދުވަސް"އަށް މައުލޫމާތުތިން ފިޔަވަތީގެ މުވައްޒަފަކު ބުނީ މަސައްކަތް ހުއްޓާލައި ކުދިންތައް ދޫކޮށްލާފަ ދާން އެމީހުން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ކުދިންގެ ފަރާތުން ފެންނަމުންދާ ކަންކަމާއި އެކަންކަން އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ހިތާމަ ކުރާ ކަމަށެވެ.
އޭނާ ބުނީ އަބަދުވެސް ގޯސްވަނީ މުވައްޒަފުން ކަމަށެވެ. އަދި އިއްޔެ އަލުން މަސައްކަތަށް ނުކުތީ އެމީހުންގެ ކަންބޮޑުވުންތައް ފާހަގަކޮށް ރައީސްއަށް ޕެޓިޝަނެއް ހުށަހަޅަން ނިންމުމަށް ފަހު ކަމަށެވެ.
އެ ޕެޓިޝަން ހުށަހަޅާނެ ދުވަހެއް އަދި އެ މަސައްކަތަށް އެއްބާރުލުން ދެނީ ކިތައް މުވައްޒަފުން ކަމެއް ނޭނގެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައިވެސް އެތަނުގައި ބަލަހައްޓާ ކުދިންތަކެއް ވަނީ މުވައްޒަފަކަށް ހަމަލާދީފަ އެވެ. އެ މުވައްޒަފަކަށް ކުދިން ހަމަލާދިން ކަމަށްވަނީ ފިލާ ގަނޑަކުންނެވެ.
މީގެ އިތުރުން ކުދިން ދަނީ ފިޔަވަތީގެ އެކި ތަންތަނަށްވެސް ގެއްލުން ދެމުންނެވެ.
ފިޔަވަތީގައި ހިނގަމުންދާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށް ފަހު އިއްޔެ ވަނީ ކުދިންނަށް ފުރާޅަން ނޭރޭގޮތަށް ހެދުމަށް ޖެންޑާއަށް އަންގަން ފާސްކޮށްފަ އެވެ. އަދި އަލިފާން ނިވާ ފުޅިތައް މުއްދަތު ހަމަވެފައިވާތީ އާ ކުރަން އަންގާފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް