ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ އަލް މަސްޖިދުލް ނަބަވީ (ރަސޫލާ މިސްކިތް) ގެ ދެ ތަނަކަށް ޒިޔާރަތް ކުރުމަށް ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަވުން މަޖުބޫރުވާނެ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފި އެވެ.
ސައުދީން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭގައި އެ ގައުމުގެ ހުރިހާ ހިދުމަތްތަކެއްހެން މިހާރު ލިބެނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އޭގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި ޝޮޕިން މޯލްތަކާއި، ޖިމް، ސެލޫން އަދި ކެފޭ ރެސްޓޯރެންޓުތަކާއި، ކަންމަތީ ފިހާރަތަކަށްވެސް ވަދެގެން ހިދުމަތް ހިދުމަތް ހޯދެނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.
އަދި ގައުމުން ބޭރަށް ދަތުރު ކުރާ އެ ގައުމުގެ ރައްޔިތުންވެސް ވެކްސިން ފުރިހަމަ ކޮށްފަ ހުރުމަކީ މަޖުބޫރު ކަމެކެވެ. އޭގެ ތެރޭގައި ރައްޔިތުން މިސްކިތްތަކަށް ވަނުން ހިމަނާފައެއް ނުވެ އެވެ.
ހައްޖަު އެންޑް އުމްރާ މިނިސްޓްރީން ބުނީ އަލަށް ގެނައި ބަދަލާއި އެކު ރަސޫލާގެ މިސްކިތަށް ވަދެ އުޅުމާއި ނަމާދު ކުރުމަށް އެއްވެސް މީހަކަށް ވެކްސިން ކާޑު އޮތުން ނުވަތަ ފުރިހަމަކޮށްފައިވުން މަޖުބޫރު ނުވާނެ ކަމަށެވެ. އެކަމަކު އެ މިސްކިތުގެ ތެރޭގައި ހުންނަ ކީރިތި ރަސޫލާގެ މަހާނަފުޅު ހިމެނޭ ސަރަހައްދަށް ޒިޔާރަތް ކުރުމާއި، ރައުދާ ޝަރިފް ސަރަހައްދުގައި ނަމާދު ކުރުމަށް ވެކްސިން ފުރިހަމަ ކޮށްފައިވުން މަޖުބޫރު ވާނެ ކަމަށެވެ.
އެ ސަރަހައްދުތަކަށް ވަންނަ ބޭނުންވާ މީހުން އެ މިނިސްޓްރީގެ އޮންލައިން އެޕްލިކޭޝަން "ތަވައްކަލްނާ" މެދުވެރިކޮށް ރެޖިސްޓްރީވެ ވެކްސިން ކާޑު ހުށަހަޅަން ޖެހޭނެ ކަމަށް ބުނެ އެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ހުއްދަ ލިބޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައި ވަނިކޮށް ކޯވިޑް ޖެހިގެން ރަނގަޅުވިތާ 14 ދުވަސް ވެފައިވާ މީހުންނަށެވެ.
މި ގަވައިދަކީ ހަމައެކަނި ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ހެދި ގަވައިދެއް ކަމަށް ބެލެވެ އެވެ. އެއީ ހައްޖާއި އުމްރާއަށް އެހެން ގައުމުތަކުން ދާ މީހުންނަކީ ސައުދީން ގަބޫލު ކުރާ ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވުން މަޖުބޫރު ވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް