ބަރުމާގައި މުސްލިމުންގެ ތާރީޚު – ފުރަތަމަ ބައި

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ބަރުމާ (މުޔަންމާ) އަކީ އޭސިޔާ ބައްރުގެ އިރުދެކުނުގައި އޮންނަ ޤައުމެކެވެ. ރޫހެންޖާ މުސްލިމުން ދިރިއުޅެމުންދާ އަރާކާން އޮންނަނީ ބަރުމާގެ ހުޅަނގު ދެކުނު...

20 Sep 2017 | 07:18

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް

ބަރުމާ (މުޔަންމާ) އަކީ އޭސިޔާ ބައްރުގެ އިރުދެކުނުގައި އޮންނަ ޤައުމެކެވެ. ރޫހެންޖާ މުސްލިމުން ދިރިއުޅެމުންދާ އަރާކާން އޮންނަނީ ބަރުމާގެ ހުޅަނގު ދެކުނުގައި ކަނޑުގެ އައްސޭރީގައި ބަނގްލަދޭޝް އާއި އިންވެގެންނެވެ. ޙިމާލިޔާ ފަރުބަދަތަކުގެ ޗެއިނުން ބަރުމާގެ ސަރަޙައްދާ ޠަބީޢީ ގޮތުން ވަކިވެފައި އޮންނަ އަރާކާންގެ ބިމުގެ ބޮޑުމިނަކީ ގާތް ގަނޑަކަށް 20 ހާސް އަކަމޭލެވެ.

އާބާދީ:

ބަރުމާގެ އާބާދީއަކީ ގާތްގަނޑަކަށް 50 މިލިޔަނެވެ.  މިގޭތެރެއިން މުސްލިމުންގެ ނިސްބަތަކީ ގާތްގަނޑަކަށް 15 އިންސައްތައެވެ. މުޅި ބަރުމާގެ މުސްލިމުންގެ އާބާދީގެ ދެބައިކުޅަ އެއްބައި ދިރިއުޅެމުންދަނީ އަރާކާންގައެވެ. އަރާކާންގެ އާބާދީގެ 70 އިންސައްތަ އަށް ވުރެ މަތީ ޢަދަދެއް ޙިއްސާކުރަނީ މުސްލިމުންނެވެ. އަނެއްބަޔަކީ ބުޑިސްޓުންނެވެ.

އަރާކާންގައި މުސްލިމުން:

ތާރީޚު ޢިލްމުވެރިން ވިދާޅުވާގޮތުގައި މީލާދީން 7 ވަނަ ޤަރްނުގައި ޢައްބާސީ ދައުލަތުގެ ރަން ޒަމާންކަމުގައިވާ ހާރޫން ރަޝީދުގެ ޚިލާފަތުގައި ވަނީ އަރާކާނަށް އިސްލާމީ ދަޢުވަތު ފޯރާފައެވެ. އިސްލާމީ ދަޢުވަތު ފޯރާފައިވަނީ ޢަރަބި ވިޔަފާރިވެރިން އެސަރަޙައްދަށް ކުރަމުންދިޔަ ވިޔަފާރި ދަތުރުތަކުގެ ތެރެއިންނެވެ. މިގޮތުން އަރާކާނަށް އިސްލާމީ ދަޢުވަތު އައިސް އަރާކާންގެ އަހުލުވެރިންގެ ހިތްތަކަށް އެދީނުގެ މަތިވެރިކަން ވަދެ އެމީހުންގެ ބާޠިލު ޢަޤިދާކަމުގައިވާ ބުދަށް އަޅުކަންކުރުން ދޫކޮށް އިސްލާމްދީން ޤަބޫލުކުރިއެވެ. އަދި އަރާކާންގައި އިސްލާމްދީން ފެތުރި، މުސްތަޤިއްލު އިސްލާމީ ވެރިކަމެއް ޤާއިމުކުރެވުނެވެ. މިވެރިކަން މީލާދީން 1430 އިން ފެށިގެން 1784 އާ ހަމަޔަށް މެދިކެނޑުމެއްނެތި 350 އަހަރަށް ދެމިގެން ދިޔައެވެ. މިދުވަސްވަރުގައި އިސްލާމީ 48 ވެރިން ވެރިކަން ކޮށްފައިވެއެވެ. މިދުވަސްވަރު މުސްލިމުން ބިނާކޮށްފައިވާ މިސްކިތްތަކާއި މަދަރުސާތަކާއި، ތާރީޚީ އާޘާރުތައް މިއަދާ ހަމަޔަށްވެސް ފެންނާން އެހުރީއެވެ. މިގޮތުން މީލާދީން 1430 ގައި ބިނާކުރެވުނު މަސްޖިދު ސިންދީޚާން ފާހަގަކުރެވެއެވެ.

އަރާކާންގެ މުސްލިމުވެރިކަން ބުޑިސްޓުން އަތްދަށުލުން

މީލާދީން 1784 ގައި ބުއްދާބާއީ ކިޔާ ބުޑިސްޓް ވެރިޔަކު އަރާކާންގެ 350 އަހަރުވީ މުސްލިމުވެރިކަން ނިގުޅައިގަނެ، އެތައް މިސްކިތަކާއި، މަދަރުސާތައް ސުންނާފަތިކޮށް އެތައްހާސް މުސްލިމު ކުޑަކުދިންނާއި އަންހެނުންނާއި ދީނީ ޢިލްމުވެރިން މަރައި ބަރުމާސަރުކާރުގެ އަތްދަށުލިއެވެ. މިވެރިންގެ އަނިޔާވެރިކަމުގެ ދަށުގައި އިނގިރޭސިންގެ އިސްތިޢުމާރާ ހަމަޔަށް 40 އަހަރު ދެމިގެން ދިޔައެވެ. އެއަށް ފަހު ދެން ކުރިމަތިލާން ޖެހުނީ އިނގިރޭސިންގެ އިސްތިޢުމާރުގެ އަނިޔާވެރިކަމެވެ. މިގޮތުން މީލާދީން 1824 ވަނައަހަރު އިނގިރޭސިން، ބަރުމާ އިސްތިޢުމާރުކޮށް އިންޑިޔާގައި އޮތް އިނގިރޭސިންގެ އިސްތިޢުމާރީ ވެރިކަމުގެ ދަށަށް ގެންދިޔައެވެ. 1937 ގައި އިންޑިޔާގައި އޮތް އިސްތިޢުމާރީ ވެރިކަމުން ވަކިކޮށް ބަރުމާގައި (އަރާކާން އާ އެކު) ވަކި އިސްތިޢުމާރީ ވެރިކަމެއްގެ ގޮތުގައި ހިންގަން ފެށިއެވެ.

އިސްތިޢުމާރަށްފަހު މުސްލިމުންގެ ޙާލަތު

އިނގިރޭސިންގެ އިސްތިޢުމާރާ ދެކޮޅަށް މުސްލިމުން ނުހަނުގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. އެމީހުންނަށް ލިބިހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އިސްތިޢުމާރާ ދެކޮަޅަށް ތެދުވިއެވެ. މިހެންވެ؛ އިނގިރޭސިން މުސްލިމުންގެ މި ކުރިމަތިލުމާމެދު ޖެހިލުންވިއެވެ. އަދި އިސްލާމީ ދަޢުވަތާއި މުސްލިމުން ނިކަމެތިކުރަން ތަފާތު މަކަރުވެރި ރޭވުންތައް ރާވާ ތަންފީޒުކުރިއެވެ. މިގޮތުން މުސްލިމުންނާ އެހެން ދީންތަކުގެމީހުންނާމެދު ޢަދާވާތްތެރިކަމާއި ނަފްރަތު ފަތުރަން ފެށިއެވެ. އަދި އިނގިރޭސިންގެ އިސްތިޢުމާރުގައިއޮތް، ބަރުމާގެ މިނިވަން ކަމަށް މަސައްކަތް ކުރަމުންދިޔަ އަރާކާންގެ މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުންނަށް އެހީތެރިވިއެވެ. މިކަމުގެ ސަބުން އިނގިރޭސިން ބޭނުންވާ މަޤްޞަދުތައް މި ބިންތަކުން ޙާޞިލުކުރަން ނުހަނު ފަސޭހަވެގެންދިޔައެވެ. އެއީ ބިމުގެ އަހުލުވެރިން ދާޚިލީ ތަޅާފޮޅުމެއްގައި މަޝްޣޫލުކުރުމަށްފަހު ޤައުމުގެ މުއްސަނދިކަން ފޭރިގަތުމެވެ. އެމީހުންގެ ޙަޤީޤީ ޢަދުއްވުންކަމުގައިވާ އިސްތިޢުމާރީންގެ ބަދަލުގައި ޤައުމުގެ އެއްބަޔަކު އަނެއްބަޔަކީ ޢަދުއްވުންކަމުގައި ހެދިއެވެ.

މުސްލިމުން ނިކަމެތި ކުރުމަށް އިނގިރޭސިން އެޅި ބައެއް ފިޔަވަޅުތައް:

1-            ވަޒީފާތަކުން މުސްލިމުން ވަކިކޮށް މުސްލިމުންގެ ބަދަލުގައި ބުޑިސްޓުންނަށް އެ ވަޒީފާތައް ދިނުން.

2-            މުސްލިމުންގެ އަމިއްލަ މިލްކިއްޔާތުތައް ޖަހައިގަނެ، އެތަކެތި ބުޑިސްޓުންނަށް ބަހާލުން

3-            މުސްލިމުންގެ އިސްކޮށް ޙަރަކާތްތެރިވާ ލީޑަރުން ޖަލުތަކުގައި ހައްުޔަރުކުރުމާއި އެމީހުން ރަށުން ބޭރުކޮށް ދުރުހިސާބުތަކަށް އަރުވާލައި ވިއްސިވިހާލިކޮށްލުން

4-            މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުންނެރެ، އެމީހުނަށް ހަތިޔާރުދިނުން. މިކަމުގެ ނަތިޖާއެއް ކަމުގައިވީ 1942ގައި އިނގިރޭސިންގެ މި އެހީތެރިކަމާއެކު މުސްލިމުންގެ ވަންހަ ނެތިކޮށްލުމުގެ ފުރަތަމަ ހަމަލާގައި ރޫހެންޖާގެ ލައްކައަކަށްވުރެ ގިނަ މުސްލިމުން މަރައި ޤަތުލުޢާންމެއް ހިންގުމެވެ. އަދި މުސްލިމުންގެ އެތައް ރަށްތަކެއް ހިފައި އަތްދަށުލިއެވެ.

5-            މުސްލިމުންގެ މަދަރުސާތަކާއި މަޢްހަދުތަކާއި، އިސްލާމީ އެންމެހައި މަރުކަޒުތަކާއި، ޝަރުޢީ މަޙްކަމާތައް ބަންދުކޮށް، ބައެއް ތަންތަން ބޮންއަޅައި ގޮއްވާލުން.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް