ފުރާވަރުގެ ޢުމުރުގެ ދަރިވަރުންނަށް އަމާޒުކޮށް ތ. ވޭމަންޑޫގައި 3 ދުވަހުގެ މުއްދަތަށް ހިންގި ރެޑީ ކޭމްޕް ނިންމައި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.
ފުލުހުން ބުނީ މިމަހުގެ 17 ން 19 ވަނަ ދުވަހުގެ ނިޔަލަށް ތ. ވޭމަންޑޫ ސްކޫލުގައި ކުރިޔަށް ގެންދިޔަ ރެޑީ ކޭމްޕުގައި ވޭމަންޑޫގެ އިތުރުން ކިނިބިދޫ ސްކޫލުގެ ދަރިވަރުންވެސް ބައިވެރި ކޮށްފައި ވާކަމަށެވެ.
"ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް މިކޭމްޕުގައި ފުލުހުން ވަނީ ކުރިޔަށް ގެންގޮސްފައި، މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ. މިއާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް ވަނީ މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައި" ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ރެޑީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް