ޤުދުސްގައި އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތައް މިސްރުގެ ރައީސް ކުށްވެރިކުރައްވައިފި

މުސްލިމުންގެ އެންމެ މުޤައްދަސް އެއް ބިން ކަމުގައިވާ ގުދުސް ނުވަތަ އޫރު ސަލީމްގެ ބިމުގައި ހުރި އަލް އަޤްޞާ ހިމެނޭ ސަރަހައްދުގައި އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތައް މިސްރުގެ ރައީސް އަބްދުލް ފައްތާހ...

20 Sep 2015 | 02:27

މުސްލިމުންގެ އެންމެ މުޤައްދަސް އެއް ބިން ކަމުގައިވާ ގުދުސް ނުވަތަ އޫރު ސަލީމްގެ ބިމުގައި ހުރި އަލް އަޤްޞާ ހިމެނޭ ސަރަހައްދުގައި އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތައް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ކުށްވެރިކުރައްވައިފި އެވެ.

އިޒްރޭލުގެ އަމަލުތައް ސީސީ ކުށްވެރިކުރައްވާފައި މިވަނީ އިޒްރޭލު ފުލުހުން އަޤްޞާ މިސްކިތައް ވަދެ ޖަރީމާތައް ހިންގަމުން އަންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ. ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އިޒްރޭލު ފުލުހުން އަޤްޞާގެ އެތެރެއަށް ވަދެގަންނަނީ އިޒްރޭލު ފުލުހުންގެ ގަޔަށް ގާއުކާ ބަޔަކު އަތުލައިގަތުމަށް ކަމަށްބުނެ އެވެ. ވަދެ ކަރުނަ ގޭހުންނާއި ސޮނިކް ބޮން ބޭނުންކޮށްގެން މިސްކިތުގެ އެތެރޭގައި ހަމަލާދެ އެވެ. އަދި ދެ ދުވަހަކު ހުރިހާ މުސްލިމުން މިސްކިތުން ބޭރުކޮށްފައިވެސް ވެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ރައީސް ޑޮނާލްޑް ޓަސްކް އާއެކު ކުރިއަށްދިޔ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީސީ ވިދާޅުވީ އިސްލާމީ މުޤައްދަސް ތަންތާނގައި އިޒްރޭލުން ނުރައްކާތެރި ޖަރީމާތައް ހިންގާކަން ސާފު ކަމަށެވެ. އަދި މަސްރަހު ފިނިކުރުމަށް އިޒްރޭލަށް ގޮވާލާ ކަމަށެވެ.

ޤުދުސްގެ އިރުމަތީ ބިތުގައި އޮންނަ އަލް އަޤްޞާ މިސްކިތް ހިމެނޭ ބިމުގެ ސަރަހައްދަށް އިސްރޭލުން ވެރިވެގަތީ 1967 ގައެވެ. ހަ ދުވަހުގެ ދިގު ހަނގުރާމައަކަށް ފަހުގަ އެވެ. އެ ބިމަކީ ކުރިން ޔަހޫދީންގެ ބޮޑު ފައްޅިއެއް ހުރި ބިމެއް ކަމަށް ބުނެ އެވެ.

މުސްލިމުންގެ ތިން ވަނައަށް އެންމެ މުޤައްދަސް ބިން ކަމުގައިވާ ގުދުސްގައި މިހާރު އިޒްރޭލު ސިފައިން އެކުލަވާލާފައިވާ ގަވާއިދުގައި ވާގޮތުން އިޒްރޭލުގެ ޔަހޫދީންނަށްވެސް އަލްއަޤްސާ މިސްކިތުގެ އެތެރެއަށް ވަދެވެ އެވެ. އެހެންނަމަވެސް އެމީހުންގެ އަޅުކަން ކުރުމުގެ ހުއްދަ އަދި އިޒްރޭލުން ދީފައެއް ނުވެ އެވެ.

ނަމަވެސް މި ފަހަކަށް އައިސް އިޒްރޭލު ފުލުހުންގެ އަމަލުތައް ހުރި ގޮތުންނާއި އިތުރު 800 ފުލުހުންގެ ފައުޖެއް އެ ސަރަހައްދަށް ފޮނުވުމުން އެ ގަވާއިދު ބަދަލުކޮށް ޔަހޫދީން އެ މިސްކިތުގައި އެމީހުންގެ އަޅުކަން ކުރަން ބޭނުންކޮށްފާނެ ކަމުގެ ބިރު ހީވެފައިވާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް