މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މާޒިޔާ އެކަޑަމީއިން ހޯދައިފިއެވެ.
މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ބާރަ އަހަރުން ދަށުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ.
އިއްޔެ ހަވީރު ހެންވޭރު ބޯޅަދަނޑުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ތިންވަނަ ހޮވި މެޗާއި ފައިނަލް މެޗުގެ ކުޅުން ވެސް ބައްލަވާލައްވާފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި 22 ޓީމަކުން ވާދަކޮށްފައިވާއިރު މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ މާޒިޔާ އެކަޑަމީއާއި، އަލިކާ ސްޕޯޓްސް އެކަޑަމީ އިންނެވެ.
އަދި 1-0 ން މެޗު ކާމިޔާބުކޮށްފައި ވަނީ މާޒިޔާ އެކަޑަމީގެ ޓީމުންނެވެ. މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ އެމް.އެސް. މޭޓްސް ގެ ޓީމެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައިސް ވަނީ އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން މިފަދަ ފުޓުބޯޅަ މުބާރާތެއް ކުރިޔަށް ގެންދިޔުމަކީ ފާހަގަކޮށްލަންޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު ވަނީ ކުޅިވަރު ކުރިއެރުވުމަށްޓަކައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރަށް، ފައިސަލް ވިދާޅުވިގޮތުގައި މެދުކެނޑުމެއްނެތި މިފަދަ މުބާރާތެއް 10 ވަރަކަށް އަހަރު ރަނގަޅަށް ކުރިޔަށް ގެންދެވިއްޖެނަމަ އޭގެ ސަބަބުން ރަނގަޅު ކުޅުންތެރިންތަކެއް ރާއްޖޭގައި އުފެދިގެންދާނެއެވެ.
އަދި، ކުޅިވަރަކީ އޭގެ ތެރެއިން ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވެގެންދާނެ ކަމަކަށްވުމުން އޭގެ ބޭނުން އެންމެ އެކަށޭނަގޮތުގައި ހިފުމުގެ މުހިންމުކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފައިސަލް ވަނީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ޗެމްޕިއަންކަން ހޯދި ޓީމަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް