ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ދިރާގު މޯލްޑިވް ރޯޑް ރޭސް މި އަހަރު އަލުން ބާއްވަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.
އެގޮތުން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) އޮންނާނީ އަންނަ އޮކްޓޯބަރުގެ 27 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި ދިރާގުން ބުނީ މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުންމީދީ ދުވުމުގެ 14ވަނަ އެޑިޝަން ކަމަށެވެ.
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަނެއްކާވެސް އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އިވެންޓަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ އަދި ގިނަ މީހުން މިކަމަށް އިންތިޒާރު ކުރާ އިވެންޓެއް. 2007 ވަނަ އަހަރު ޑީއެމްއާރްއާރް ވަނީ ދިވެހިރާއްޖޭގައި މާސް ޕާޓިސިޕޭޝަން ރޭސްތައް ފަށައި، ރާއްޖޭގައި ދުވުމުގެ ސަގާފަތް ގާއިމުކޮށްފައި،" ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.
އަދި މިއަހަރު ފުރަތަމަ ފަހަރަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަމައެފަދައިން ކުރިއަށްވުރެ ބޮޑެތި ފައިސާގެ އިނާމުތަކާއި ތަފާތު ކުލަގަދަ ހަރަކާތްތަކަކާއި އެކު މިއަހަރުގެ ޑީއެމްއާރްއާރް ވަރަށް ފޯރިގަދަ ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދިރާގުން ބުނާ ގޮތުގައި ޑީއެމްއާރްއާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ.
އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޑީއެމްއާރްއާރް 2023 އަކީވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެއް ކަމަށް ދިރާގުން ބުނެއެވެ.
މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެގޮތުން ދިރާގުން އެންޑޯރސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.
މާދަމައިން ފެށިގެން ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ހުޅުވާލާނެއެވެ. އަދި ދުވަން ބޭނުންވާ ފަރާތްތަކަށް 30 އޯގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 އަށް ނުވަތަ 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ.
މި ރޭހަށް ރަޖިސްޓަރ ކުރުމަށާއި މި އިވެންޓާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި ދިރާގުން ވަނީ www.dmrr.mv މި ލިންކް ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް