ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތަސް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަކުން ނުނެރުއްވާނެ ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ، މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ އެމަނިކުފާނާ ޖެހިގެން އިންނަވާނީ ޔާމިނު ކަމަށް މުއިއްޒު ވިދާޅުވާ ކަމަށާއި އަދި ސަރުކާރު ހިންގަވާނީވެސް ޔާމީނު ވިދާޅުވާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑަށް ހަމަ ޔަގީނަށް ދަންނަވަން އެނގޭ މުއިއްޒު ވެރިކަމަށް ވަޑައިގެންފިއްޔާ ޔާމީނެއް ޖަލަކުން ނުނެރުއްވާނެ. ނެރުއްވޭނެ ގާނޫނީ ހަމައެއްވެސް ނޯވޭ." މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ، ރައީސް ޔާމީނަށް އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށް ފުރުސަތު ލިބިވަޑައި ނުގެންނެވުމުން އެމަނިކުފާނު ބޭނުންފުޅުވީ އިންތިހާބުގައި ޕީއެންސީއިން ކެނޑިޑޭޓަކު ކުރިމަތިލައްވަން ކަމަށެވެ.
އަދި ޕީޕީއެމްގެ ކުލަވެސް ރިޔާސީ ކެނޑިޑޭޓުންގެ ލިސްޓުގައި ނެތްކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބު ނިމިގެން ދާއިރު ޕީޕީއެމް ކަރުދާސްކޮޅުން ފުހެލިހެން ރާއްޖެއިން ވެސް ޕީޕީއެމް ފުހެވިގެން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް