އަލްހާން ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރަނީ - ބަދަލުގެ ގޮތުގައި އެދެނީ 3333 ބިޓްކޮއިން

ގުޅީފަޅު ހިއްކާ ވެލި ހުރީ އަލިހުރަސްކަނޑުގައި ކަމަށާއި މާލޭ މީހުންނަށް ގޯތިދިނުމުގެ ކަންކަމަކީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅ...

20 Aug 2023 | 08:34

ގުޅީފަޅު ހިއްކާ ވެލި ހުރީ އަލިހުރަސްކަނޑުގައި ކަމަށާއި މާލޭ މީހުންނަށް ގޯތިދިނުމުގެ ކަންކަމަކީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް އަލްހާން ވިދާޅުވެއްޖެއެވެ.

އަލްހާން ވިދާޅުވީ ނަޝީދުގެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ބަދަލުގެ ގޮތުގައި އެދެނީ  3333 ބިޓްކޮއިން ކަމަށެވެ.

ދިވެހި ރުފިޔާއިން ބަލާނަމަ 3333 ބިޓްކޮއިން އަކީ ގާތްގަނޑަކަށް 133 މިލިއަން ރުފިޔާއެވެ.

"ދޮގު އިލްޒާމް އަޅުވާ އަބުރު ކަތިލާން، ޢާންމުން އެއްކޮށްގެން ޙަގީގަތާ ޚިލާފު ދޮގުވާހަކަ އަޅުގަނޑާ ބެހޭގޮތުން ރައްޔިތުންގެ މަޖްލިހުގެ ރައީސް މުހައްމަދި ނަޝީދު ދެއްކެވި މައްސަލައިގާ އޭނާގެ މައްޗަށް އަބުރުގެ ދަޢުވާ ކުރާނަން!" އަލްހާން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ނަޝީދު ވިދާޅުވީ، މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދި ގޮވާ އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެމީހުންގެ ހާލަތާއި އެމީހުންގެ ހަޔާތް ހުރިހާ ކެނޑިޑޭޓުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

އެހެންކަމުން އެ ހާލަތު ސިޔާސީ ފުރުސަތަކަށް ހެދުމަކީ ލާއިންސާނީ އަމަލެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މާލޭގައި 26 ހާސް ރައްޔިތުން ބޯހިޔާވަހިކަމަކަށް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހައްލު ކޮށްދިނުމަށް މި ސަރުކާރުން ގޯތި ދޫކުރުމުގެ ސިޔާސަތުގެ ދަށުން ގޯތިދޭ އެއް ސަރަހައްދު ކަމުގައިވާ ގުޅީފަޅުގެ ފުންމިނުގައި 25 މީޓަރު އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން 2010 ވަނަ އަހަރު ގުޅީފަޅުން ހިއްކީ އެ ފަޅުގެ އެއްބައިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، އޭރުގައި ފާހަގަވި ހަގީގަތަކީ ގުޅީފަޅުގެ ފުންމިނަށް ހިއްކުމުގައި ހުރި އަގު ކަމަށެވެ.

އާއްމުގޮތެއްގައި ގުޅީފަޅުގެ އެއް އަކަމީޓަރު ހިއްކުމަށް 20 ޑޮލަރު ހަރަދުވާއިރު 20 މީޓަރު އަޑިއަށް ވިހި ގުނަ ހިއްކާއިރު އާދައިގެ ހާލަތުގައި ހިއްކާ ތަންތަނަށް ވުރެ އަގު ބޮޑުވެގެން ދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ގުޅީފަޅުން ބިން ހިއްކާފައި ދޭނީ ކިތައް ގޯތިކަން ސަރުކާރުން ހާމަކޮށްފައިވާ ހިސާބުތަކަކު ނެތް. ނަމަވެސް ގޯތިތަކެއް ދޭނެ ކަމަށް ޗާޓެއް ކުރަހާފަ ދީފައި ވޭ” ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ގުޅީފަޅު ހިއްކަން ބޭނުންވާ ވެލި ހުރީ ހަމައެކަނި އަލިހުރަސްކަނޑުގައި ކަމަށެވެ.

“އަޅުގަނޑު ދަންނަވާނީ މީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ ކަމެކޭ” ނަޝީދު ވިދާޅުވިއެވެ.

މިއީ ރާވައިގެން، ރައްޔިތުންނަށް އެންމެ ބޮޑަށް ހާލުގައި ޖެހިފައި އޮތް ވަގުތު އަދި އެންމެ ބޮޑަށް އެދިއެދި އޮތް ވަގުތު، ގޯތި ދޭނެ ކަމަށްބުނެ ހަދާ ދޮގެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި މިއީ އެއްގޮތަކަށްވެސް އެކަން ކުރެވޭނެ ޕްލޭނެއް، އަންދާޒާ ހަރަދެއް އަދި ފައިސާ ހޯދާނެ ގޮތެއް ޓެކްނިކަލް ފީސިބިލިޓީއެއް ސަރުކާރަކުން ހަދާފައި ނުވާ ޕްރޮޖެކްޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް