މާލެ ސަރަހައްދުން ހިއްކައިގެން ގޯތިދޭ ތަންތައް ޒަމާނީ ސިޓީއަކަށް ބަދަލު ކުރުން ހިމެނޭ ގޮތަށް، އެމްއެންޕީގެ ވެރިކަމެއްގައި މާލޭގައި ހިންގަން ނިންމާފައިވާ 16 ޕްރޮޖެކްޓެއް އާއްމުކޮށްފިއެވެ.
އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕޭން ޖަލްސާގައި ވަނީ ގްރޭޓަރ މާލެ ޑިވިލޮޕްމެންޓް ޕްރޮޖެކްޓްތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ.
އެގޮތުން، ބޯހިޔާވަހިކަމުގައި ނާޒިމް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ މީހުންނާއި މާލޭ ދަފްތަރުގައި ތިބި މީހުންނަށް ގޯތި ނުވަވަ ފްލެޓް ދިނުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން ހިއްކައިގެން ގޯތިދޭ ތަންތަނުގައި އަސާސީ ހިދުމަތްތައް ގާއިމު ކޮށްދެއްވާނެ ކަމަށާއި އެތަންތަން ޒަމާނީ ސިޓީއަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ސިޔާސަތުގެ ދަށުން، ގޯތި ހުރެ، އިމާރާތް ނުކުރެވިފައި ތިބި މީހުންނަށް ސޮވަރެންޓީ ގެރެންޓީ ދީގެން ގެ ހަދައި ނިންމުމާއި، ހަދަން ފަށައި ނުނިމި ހުރި ހައުސިންގް މަޝްރޫއުތައް ނިންމައިދިނުން ހިމެނެއެވެ.
އޭގެ އިތުރުން ނާޒިމްގެ 'އެކްސްޕްރެސް ރެއިލް' ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ވިލިނގިލި އަދި މާލެއާއި ހުޅުލެ، ހުޅުމާލެ ގުޅާލުމަށް ތަސައްވަރުގައި ވެއެވެ.
ނާޒިމްގެ ސިޔާސަތުގެ ދަށުން، އަތޮޅު ފިހާރަތައް މިހާރު ހުރި ސަރަހައްދުގައި ޝޮޕިންގް ސެންޓަރެއް ގާއިމު ކުރަން ހިމަނާފައިވެއެވެ. އެގޮތުން އެތަނުގައި ޕާކިންގްއަށް ހާއްސަ ބަޔަކާއި ހައިޕާ މާކެޓަށް ހާއްސަ ބައެއްގެ އިތުރުން، ސިނަމާ، ފުޑް ކޯޓްސް، އޮވަލެޕް ބްރިޖް ކަނެކްޝަން، އެލަވޭޓާސް ތަރައްގީ ކުރުން ހިމެނެއެވެ.
މީގެ އިތުރުންވެސް ނާޒިމްގެ ތަސައްވަރުގައި މާލެއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ޕްރޮޖެކްޓްތައް ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް