މަސްވެރިން އެމީހުންގެ ހާލަތު ބަޔާންކޮށްދިނީ ރޮމުން: އިލްޔާސް

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، މަސްވެރިން ހިތާމަޔާއެކު އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭ ކަމަށް އިލްޔާސް ވިދާޅުވެއްޖެއެވެ. ރޭ ޑިމޮކްރެ...

19 Aug 2023 | 21:41

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، މަސްވެރިން ހިތާމަޔާއެކު އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭ ކަމަށް އިލްޔާސް ވިދާޅުވެއްޖެއެވެ.

ރޭ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އޮޑިދޯނި ފަހަރު މަހަށް ނުފުރި، މަސްވެރި އާއިލާތައް ހާލުގައި ޖެހެމުންދާ ކަމަށެވެ.

"މިއަދު އަޅުގަނޑު ބައެއް ރަށްރަށަށް ދަތުރުކުރިން. އަޅުގަނޑަށް މަސްވެރިކަން ކުރާ ފަރާތްތައް ރޮއެފަ، ދެލޮލުން ކަރުނަ އަހިސްފަ، އޮޑިވެރިންނަށް ދިމާވެފަ ހުރި ކަންތައްތަކުގެ ވާހަކަ ކިޔާދިން" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، މަސްވެރި އޮޑިފަހަރަށް ނަގާފައިވާ ލޯނަށް ކޮންމެ މަހަކު 36 ހާސް ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި އޮޑިފަހަރުން މަހަށްދާ މީހުންނަށް ފެނަކައާއި އާރްޑީސީފަދަ ތަންތަނުން ވަޒީފާ ލިބުމުން މިހާރު މަހަށް ނުދާ ކަމަށެވެ.

އެމީހުންނަށް މަހަށް ދެވޭގޮތް ނުވަނީ، މަހަސް ގޮސްގެން ލިބޭ އާމްދަނީ ދަށްވަމުން ދިއުމުން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން އޮޑިން މަހަށް ދާނެ މީހަކު ނެތި، އޮޑި ވިއްކަން އިއުލާނު ކުރަނީ ކަމަށާއި މަސްވެރިންގެ ދިރިއުޅުމާއި މުޅި ހަޔާތް ބަރުބާދުވެ ދަނީ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ތުހުމަތު ކުރައްވާ ގޮތުގައި މިއީ މި ފަސްއަހަރުތެރޭ ސަރުކާރުން އިހުމާލު ވެފައި އޮތް މިންވަރެވެ.

އެހެންކަމުން މަސްވެރިކަން އަލުން އަނބުރާ އާރާސްތު ކުރުމާއި ދަތިން އަރައިގަތުމަށްސިޔާސަތެއް ގެންގުޅުއްވާކަމަށް އިލްޔާސް ވިދާވިއެވެ.

އެގޮތުން އިލްޔާސް ވިދާޅުވީ މަސްވެރިންގެ ލޯނުތައް ރީ ސްޓަރަކްޗަރ ކޮށްދީ، މަހުގެ އަގު އުފުއްލައިދީ، އަލުން މަހަށްދާ ފަރާތްތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހަދައިދީ، ބޭންކުން ލޯނު ލިބޭނެ ގޮތާއި މަހުން ލިބޭ އާމްދަނީއިން އާއިލާތައް ބެލެހެއްޓޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް