އެމްޑީޕީގެ ރިޔާސީ ޓިކެޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިލެއްވުމުން އެކަމާ ރައީސް ނަޝީދު ހިތްހަމަނުޖެހޭނަމަ ޖެހޭނީ މަޑުން ހުންނަވަން ކަމަށާއި އެހެންނަމަވެސް ޕާޓީ ކުރިއަށްދާންވާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ، އެމްޑީޕީގެ ކޮންގްރެސްގެ ހަވާސާގައި މިހާރު ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"މިސާލަކަށް އަޅުގަނޑު ކެނޑިޑޭޓަކަށް ވީމަ ރައީސް ނަޝީދު އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް ވަންޏާ، މަޑުން ހުންނަވާނީ. އެކަމަކު ޕާޓީ ކުރިޔަށް ދާން ވާނެ،" ރައީސް ސޯލިހް މިހާރަށް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ކޮންގްރެސް އަކީ ޕާޓީގެ އެންމެ ބޮޑު އެއްވުން ކަމުގައިވާއިރު އެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކާމެދު ކިތަންމެ ނުގަބޫލުވިޔަސް އެކީގައި ކުރިއަށްދާންޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން އެހެން ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ކުރުމަކީވެސް ރަނގަޅުކަމެއް ނޫންކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ވެރިކަންކުރާ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއިމެދު ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާއިމެދު ގޮތެއް ނިންމުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
އެ ގަރާރަށް މާދަމާ ބަހުސްކުރުމަށް ހަމަޖެހިފައިވާއިރު ކޮންގްރެސްގައި މިހާތަނަށް ރައީސް ނަޝީދު ވަނީ ރަސްމީކޮށް ދެ ފަހަރެއްގެ މަތިން ވާހަކަފުޅު ދައްކަވާފައެވެ. އެ ދެފަހަރުވެސް ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެ ނޫން ޗޮއިސް އެއް ނެތް ކަމަށެވެ. އެ ނޫން ގޮތެއް ވެއްޖެ ނަމަ އެމަނިކުފާނުގެ ތާއީދު ރައީސް ސޯލިހަށް ލިބި ނުލައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް