ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްގެ ނަން ބަދަލު ކުރަން ތައްޔާރުވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.
އާލިއާ ރަންބީރު ކަޕޫރާއި ކައިވެނި ކުރީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެވެ. ކައިވެނި ކުރިތާ ދެ މަސް ފަހުން ދެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން ވަނީ އިއުލާނު ކޮށްފަ އެވެ.
ކައިވެންޏަށް ފަހު އެ ދެމަފިރިންގެ ނަން ނޫސްތަކަށް ނާރާ ދުވަހެއް ނުދެ އެވެ. ދެމީހުންގެ ގުޅުމާއި ލޯބި ވާހަކަތަކާއި ދަތުރުތަކުން ފެށިގެން އެމީހުންގެ ފިލްމުތަކުގެ ވާހަކައިން ނޫސްތައް އޮންނަނީ ފުރިފަ އެވެ.
މިފަހަރު ދައްކަން ފަށާފައިވަނީ އާލިއާ ކައިވެންޏަށް ފަހު ނަން ބަދަލު ކުރުމުގެ ވާހަކަ އެވެ. މިކަމާއި ގުޅޭގޮތުން އާލިއާ މީޑިއާގައި ބުނީ ވަރަށް އަވަހަށް އޭނާގެ ނަން ބަދަލު ކުރަން ހުށަހަޅާނެ ކަމަށެވެ.
އޭނާގެ ނަން ބަދަލު ކުރާނީ އާލިއާ ބަޓް ކަޕޫރު ނުވަތަ އާލިއާ ކަޕޫރު ބަޓަށް ކަމަށް ބުންޏެވެ. ނަން ބަދަލު ކުރަން ބޭނުންވާ ސަބަބުތަކާއި ގުޅޭގޮތުން ބުނީ މިހާރު ކަޕޫރު އާއިލާ އާއި އެކު ދަތުރު ކުރާއިރު ނަމުން ބާކީ އިހުސާސްވާ ކަމަށެވެ.
އަދި އަލަތު ދަރިފުޅު ލިބެން އުޅޭއިރު އޭނާގެ ނަމުގެ ފަހަތުގައި ބަޓް އިންނަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އެކަމަކު ފިލްމުތަކުގައި ކްރެޑިޓް ދޭއިރާއި އިންޑަސްޓްރީގައި ފަހުންވެސް އޭނާގެ ނަން ބޭނުން ކުރާނީ މިހާރުގެ ނަން އާލިއާ ބަޓް ކަމަށެވެ.
އިތުރަށް ބުނީ ކައިވެނީގެ ފަހުން އެފަދަ ކަންކަމަށް އޭނާއަށް ސަމާލުކަން ދެވޭވަރު ކުޑަކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ކޮންމެހެން ކުރަންޖެހޭ އެފަދަ ކަންކަން ކުރެވޭލެއް ލަސް ކަމަށެވެ.
އާލިއާ ބުނީ ކައިވެނި ކުރުމާއި އެކު ރަންބީރު ޕާސްޕޯޓުގައިވެސް ކައިވެނި ކޮށްގެން އުޅޭކަމަށް ޖަހާފައިވާ ކަމަށެވެ. އެކަމަކު އޭނާއަށް އަދި އެކަންވެސް ނުވާ ކަމަށް ބުންޏެވެ.
އާލިއާ އާއި ރަންބީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ބްރަހަމާސްޓްރާއިންނެވެ. އެ ފިލްމުގެ ޕްރޮމޯޝަންގައި މި ދުވަސްވަރު ދެމަފިރިން އުޅެނީ ވަރަށް ބިޒީކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް