އެމްޑީޕީ ކޮންގްރެސް: ރައީސް ނަޝީދުގެ ވާހަކަފުޅު ފެއްޓެވީވެސް ނިންމާލެއްވީވެސް އިންޒާރުން

ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަތަރުވަނަ ކޮންގްރެސް ސޯޝަލް ސެންޓަރުގައި މިއަދު ކުރިއަށްދާއިރު މިއަދުގެ ހެނދުނުގެ ސެސަންގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖި...

20 Aug 2022 | 08:30

ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަތަރުވަނަ ކޮންގްރެސް ސޯޝަލް ސެންޓަރުގައި މިއަދު ކުރިއަށްދާއިރު މިއަދުގެ ހެނދުނުގެ ސެސަންގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި އިންޒާރުގެ ބަސްފުޅުތަކެއް ތަކުރާރު ކުރައްވައިފިއެވެ.

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅު ފެއްޓެވީވެސް އަދި ނިންމަވާލެއްވީވެސް އިންޒާރުގެ ބަސްފުޅުތަކަކުންނެވެ.

"ވަރަށް ބޮޑަށް މާފުކުރައްވާތި މިއަދުވެސް އަދި މާދަންވެސް މީ މި ޕާޓީއަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ" ރައީސް ނަޝީދުގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވިއެވެ. އެއަށްފަހު ވިދާޅުވީ މި ތިބިގޮތަށް ތިބެއްޖެނަމަ އަޅުގަނޑަށް ފެންނަތަނުގައި 2023 ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ބަޔަކަށް ފެނުނު ނަމަވެސް އެއީ އުންމީދެއް ކަމަށާއި އެ ޕާޓީ 2023 އިން ކުރިއަށް އޮތް ފަސް އަހަރަށް ޒައާމަތުގައި ތިބެ ހިދުމަތް ކުރެވޭނެ ގޮތްތަކެއް ވިސްނުމަކީ މިހާރު ކޮންގްރެސްގެ ވާޖިބެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ހަމަ އެހެންމެ އެއީ ރައީސް ސޯލިހުގެވެސް ވާޖިބެއް ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ޕާޓީ މިހާރު ބައިބައިވެއްޖެ ނަމަ އެ ވޯޓެއް ނުނެގޭނެއެވެ. ގާތްގަނޑަކަށް 40 އިންސައްތަ ވޯޓު އޭރުން ގެއްލޭނެކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ގޮތެއް ހޯދާން އެބަޖެހޭ މި ހާލަތުން މި ޕާޓީއަށް އަރައިގަނެވޭނެ، މި ޕާޓީއަކަށް އަޅުގަނޑު މުހިންމެއް ނޫން، ރައީސުލްޖުމްހުރިއްޔާއެއްވެސް މުހިއްމެއް ނޫން އަޅުގަނޑުމެންނަށް މުހިންމީ ރައްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިކަންކޮށްދެއްވި އާއްމު ހާލަތު ރަނގަޅުކޮށްދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދެނީ ޕާލަމަންޓަރީ ނިޒާމާމެދު ރައްޔިތުން ދެކޭގޮތް ރައްޔިތުން ގާތުގައި އެހުމަށް ކަމަށާއި މިކަމަށް ނޫނެކޭ ބުނާންވީ ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ވޯޓު މި ކޮންގްރެސްގައި ނެގީމާ އޭގެ ނަތީޖާ އޮންނާނެ ގޮތް، އަޅުގަނޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް، އެއްގޮތަކަށްވެސް ނޭދެން އެހެން ޕާޓީތައް ބައިވެރިވެގެންދިޔައިރުގާ ކުރިމަތީ ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު އަޅުގަނޑުމެން ޕާޓީއަކުން ނުފެންނާނެ އިރާދަކުރެއްވިއްޔާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލަމުން ރައީސް ނަޝީދު ދެއްވި އިންޒާރަކީ މުޅި ޕާޓީއާ އެކީގައި ނޫންގޮތަކަށް 2023 ގެ އިންތިހާބަށް ނުނިކުންނާނެކަމުގެ އިންޒާރެވެ. ބައިބައިވާނަމަ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެކަމުގެ އިންޒާރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް