މި ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައިވަނީ ޒުވާނުންނާއި މެދު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ ރޭ އެމަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުމަށް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމިން ވިދާޅުވީ ރާއްޖޭގެ އިންޖީނަކީ އަދި މި ގައުމުގެ އާބާދީގެ ތިންބައި ކުޅަ ދެބައަކީ ޒުވާނުން ކަމަށެވެ. ރާއްޖޭގެ މުސްތަގުބަލު އޮތީ ޒުވާނުންގެ އަތް މަތީގައި ކަމަށާއި އެ ޒުވާނުނަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުން އެއީ މުހިންމު ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރަކުން ކަންކަން ކުރި މިންވަރު ވަޒަންކުރާއިރު އެންމެ ބޮޑަށް ބަލާނީ ޒުވާނުންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ކަންކުރާ ގޮތް ކަމަށެވެ. އެކަންކަމަށް ބަލާއިރު މިސަރުކާރުން ވަނީ ޒުވާނުންނާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވިދާޅުވި އެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލްތައް އަދަދުތަކާއި މަންޒަރުން ހާމަކޮށްދެއްވަމުން ޔާމީން ވިދާޅުވީ ސަރުކާރުން އާމްދަނީ ހޯދަނީ ޒުވާނުންގެ އަތުން ނަގާ ޖޫރިމަނާ ފައިސާ އިން ކަމަށާއި މިއީ "ސްޓިކާ ސަރުކާރު" އެއް ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުން ޒުވާނުންނަށް ދޭނެ ކަމަށް ބުނި 4،000 ފްލެޓު ނުފެންނަނީ ކަނޑުއަޑީގައި ހުރުމުން ކަމުގައި ވެދާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނާ ގުޅޭ ކަންކަން މިއަދު ކަސިޔާރުވެގެން ގޮސްފައިވާ ކަމަށެވެ. އެކަމަކު ޒުވާނުން ހަމަމަގަށް އަޅުވާ ސަލާމަތް ކުރުމަށް މިސަރުކާރުގައި ތަރުތީބުވެފައިވާ ހަރުދަނާ ސިޔާސަތުތަކެއް ނެތް ކަމަށެ ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންނަށް ކޮށްދެއްވާފައިވާ ކަންކަން ފާހަގަ ކުރައްވާ ވިދާޅުވީ ޒުވާނުންނަކީ މުހިއްމު ބައެއް ކަމުގައިވާތީ ޒުވާނުންނަށް ހާއްސަ ކޮށްގެން 104،000 ވަޒީފާ އުފެއްދެވި އިރު ރައީސް ސޯލިހަށް މިހާތަނަށް އުފެއްދުނީ އެންމެ 2،000 ވަޒީފާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް