ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާކަމުގެ ހެކި ފެންނަން ފަށައިފި އެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ވަނީ ދައްކާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާ އިރު، އިއްޔެއާ ހަމައަށް 705،024 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއވެެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %81.2 އިތުރު ޢަދަދެކެވެ.
ފައިބެއަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 389،187 ފަތުރުވެރިން ނެވެ.
މީގެ އިތުރުން ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް މިމަހު 4000 އިން މަތީގައި ހުރި އިރު، ދުވާލެއްގެ މައްޗަށް 4877 ފަތުރުވެރިން ރާއްޖެއަށް އަންނަކަމަށް ވެސް ތަފާސް ހިސާބުން ދައްކަ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު އެވެ. އެދުވަހު 6083 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން ނެވެ. އެގޮތުން %22 ރަޝިއާ ފަތުރުވެރިން ހިއްސާ ކުރާ އިރު، އިންޑިއާއިން %18.9 ހިއްސާ ކުރެއެވެ. އަދި ޖަރުމަނުވިލާތުން %5.7 ހިއްސާ ކުރެ އެވެ.
މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ރާއްޖޭގައި 813 ތަނެއް ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.
އެއީ އެނދުގެ ނިސްބަތުން ބަލާނަމަ 50،040 އެނދެވެ. މީގެތެރެއިން %74 އެނދު ހިއްސާކުރަނީ ރިސޯޓްތަކުން ނެވެ. ްއަދި %18 ގެސްޓްހައުސްތަކުން ހިއްސާކުރާއިރު، %5 އަކީ ސަފާރީތަކެވެ. އަދި %3 އަކީ ހޮޓެލްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް