މާލެ އަތޮޅު ގާފަރު މޮނިޓަރިންގ އަށް ލައިފި އެވެ.
އެރަށު ސިއްހީ މަރުކަޒުން ބުނީ އެރަށް މޮނިޓަރިންގ އަށް ލީ ރެންޑަމްކޮށް ނެގި ދެ ސާމްޕަލެއް ޕޮޒިޓިވްވުމުން ކަމަށެވެ. އަދި އެއީ މިދިޔަ ބުދަ ދުވަހު ނެގި ރެންޑަމް ދެ ސާމްޕަލް ކަމަށާއި އެ ދެ ސާމްޕަލް ޕޮޒިޓިވްކަން އެނގުނީ އިއްޔެ ކަމަށް ވެސް ބުންޏެވެ.
އެ ދެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް މިހާރުނިމިފައިވާ ކަމަށާއި އެގޮތުން މިއަދުވެސް 80 ސާމްޕަލެއް ނަގައި މާލެ ފޮނުވާފައިވާ ކަމަށް އެރަށުން މަޢުލޫމާތު ދެއެވެ. އަދި މާދަމާ ވެސް އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
"ރަށުގެ ފިޔަވަޅުތައް މިހާރުވަނީ ވަރުގަދަކޮށްފަ. އެގޮތުން އެއްވެއުޅުމާއި ޒަރޫރީ ހާލަތުގައި ނޫނީ ބޭރަށް ނުނިކުތުމަށް ރައްޔިތުންނަށް ވާނީ އަންގާފަ." ގާފަރު ކައުންސިލުން ބުންޏެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ އެރަށު ސްކޫލުގެ ޓީޗަރަކާއި މަސައްކަތު މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް