ހިނދުކޮޅެއްގެ އުފަލާއި އަރާމަށްޓަކައި ދެ ދުނިޔޭގެ ބާއްޖަވެރިކަން މަހްރޫމު ނުކުރޭ

ހިނދުކޮޅެއްގެ އުފަލާއި އަރާމަށްޓަކައި މައުސޫމް އަންހެނުންނާއި ފިރިހެނުން ދުނިޔޭގެ ދަހިވެތިކަމާއި ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސާ މަކަރާއި ހީލަތުން ފާޙިޝް ޢަމަލުތަކަށް އަރައިގަތުމަށް އެމީހުންނަށް...

20 Aug 2021 | 11:51

ހިނދުކޮޅެއްގެ އުފަލާއި އަރާމަށްޓަކައި މައުސޫމް އަންހެނުންނާއި ފިރިހެނުން ދުނިޔޭގެ ދަހިވެތިކަމާއި ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސާ މަކަރާއި ހީލަތުން ފާޙިޝް ޢަމަލުތަކަށް އަރައިގަތުމަށް އެމީހުންނަށް މަޖުބޫރުކޮށް ދެދުނިޔޭގެ ބާއްޖަވެރިކަމުން މަހްރޫމު ނުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

ޚުތުބާގައި ވަނީ ﷲ އާއި އެކަލާނގެ ރަސޫލާ ދައްކަވާފައިވާ މަގަށް ތަބާ ވުމަށާއި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހާސިލުވާނީ އޭރުން ކަަމަށް ބުނެފަ އެވެ. އަދި ކައިވެނިކުރުން ހުއްދަ ކުރައްވާފައިވާ އިރު، ކައިވެނީގެ އިމުގެ ތެރެއިން މާތްﷲ ރުހިވޮޑިގެންވާ މަގުން ކަންކަން ކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން ﷲގެ މަގަށް ތަޤުވާވެރިވި މީހުންނަށް ތަނަވަސްވެގެންވާ ސުވަރުގެތައް ތައްޔާރުކުރެވިފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާއިމެދު ވިސްނާލާ އިރު، އެންމެނުރައްކާތެރިކަން ބޮޑީ ޙަރާމްގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަންވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފަ އެވެ.

"މިފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ފާޙިޝް ޢަމަލުތަކުގެ ސަބަބުން. މާތްﷲ ކަނޑައަޅުއްވާފައިވާ ޝަރުޢީ ނިޒާމުން ބޭރުވުމުގެ ސަބަބުން. އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގާ އެކިއެކި ޖިންސީގުޅުންތަކުގެ ތެރެއަށް ބަޔަކު ގެނބިގެން ދިއުމުގެ ސަބަބުން." ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ ފާޙިޝް ޢަމަލުތައް ބައެއްގެ ތެރޭގައި ފެތުރިއްޖެ ނަމަ، ކުރީގެ އުންމަތްތަކުގެ މީހުންގެ ތެރެއަށް ފާޅުނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އެބައެއްގެ ތެރޭގައި ފާޅުކުރައްވާނޭކަމުގެ އިންޒާރު ކީރިތި ރަސުލާ ދެއްވާފައިވާ ކަމަށެވެ.

"މީގެކުރިން އެފަދަ ނުބައި ޢަމަލުތައް ހިންގި އުންމަތްތަކަށް ވެގެންދިޔަގޮތް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވަނީ އެވާހަކަތަކުން ޢިބްރަތް ލިބިގަތުމަށްޓަކާ. ނުރައްކާތެރި ބަލިތަކާއި ވަބާތަކާއި ބޮޑެތި އަޚުލާގީ ކުށްތަކުން މުޖުތަމަޢު ސަލާމަތްވާނީ އިސްލާމް ދީނުގެ އިންތަކުގައި ހިފަހައްޓައިގެން." ޚުތުބާގައި ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް