ދަރިވަރުންނަށް ނުލިބި ހުރި ފޮތްތަކުގެ ހާޑްކޮޕީ ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
ބައެއް ދަރިވަރުންގެ ފޮތް ބައި ނުލިބޭތީ، އެކަމުގެ ޝަކުވާ ބައެއް ބެލެނިވެރިން ކުރަމުން އަންނަ އިރު، އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
https://twitter.com/MoEdumv/status/1428600491865300994
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފޮތްތައް ނުލިބި ލަސްވެފައިވަނީ ކޯވިޑް 19 އާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން ބޭރުން ގެންނަން ޖެހުނު ބައެއް ސާމާނު ލިބުމުގައި ދަތިތަކާވެސް ކުރިމަތިވެފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިވަގުތު ދަރިވަރުންނަށް ނުލިބި ހުންނާނީ ދިވެހި އިސްލާމް އަދި ޤުރުއާން މާއްދާތަކުގެ ފޮތްތައް ކަމަށެވެ. ނަމަވެސް މިހާރު އެ ފޮތްތައް ފޮނުވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި މިހަފްތާ ތެރޭ މާލޭގެ ސްކޫލްތަކަށް ފޮތްތައް ހަވާލު ކުރެވޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ދެއެވެ.
މިހާރުވެސް އަތޮޅުތަކުގެ ބޯޓުތަކަށް ފޮތްތައް އެރުވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޯރުކޮދީ ނިންމުންކަމަށް މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހާޑް ކޮޕީ ދަރިވަރުންނަށް ނުލިބުނު ނަމަވެސް ޓެކްސްޓް ފޮތްތަކުގެ ސޮފްޓް ކޮޕީ ހުރިހާ ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން ދޮޅު އަހަރުދުވަސް ވަންދެން ސްކޫލްތައް ބަންދުކޮށް އޮތުމަށް ފަހު މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިމަހުގެ 10 ވަނަ ދުވަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް