ފޭކް ބުކިންގ ހުއްޓުވަން އިމިގްރޭޝަނުން ފިޔަވަޅުތަކެއް އަޅަނީ

އޮޅުވާލައިގެން ފޭކް ބުކިން ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަތައް ހުއްޓުވުމަށް އިމިގްރޭޝަންގެ ސިސްޓަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް...

20 Aug 2021 | 09:56

އޮޅުވާލައިގެން ފޭކް ބުކިން ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަތައް ހުއްޓުވުމަށް އިމިގްރޭޝަންގެ ސިސްޓަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 ފެތުރުމުގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކޮށްފައި އޮތުމަށްފަހު، ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. މިއާއެކު ދޮގު މަޢުލޫމާތުދީ އޮޅުވާލައިގެން ފޭކް ބުކިންގ ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަތަކެއް ވެސް މިވަނީ ފެންމަތިވެފަ އެވެ.

ހަނަފީ ވިދާޅުވިީ މިހާރުވެސް ބޯޑަރ ކޮންޓްރޯލުން ވަރަށް ބޮޑަށް ފިލްޓަރ ކުރަމުން އަންނަކަމަށެވެ. އަދި އަލަށް ތަންފީޒުކުރާ ކަންކަމާއެކީ މިކަމުގައި ހައްލެއް ފެނިގެންދާނެ ކަަމަށް ވިދާޅުވި އެވެ.

މިކަމާގުޅިގެން މީހުން ދިރުއުޅޭ ރަށްރަށުގައި އުޞޫލާ ޚިލާފަށް އުޅެމުންދާ ފަތުރުވެރިން ހޯދާ ފިޔަވަޅުއެޅުމަށް ޚާއްސަ އިސްޕެކްޝަނެއް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފަ އެވެ.

މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މި އިންސްޕެކްޝަން ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ނެވެ. ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ ކުރިން ތިބޭނެ ތަނެއް އިމިގްރޭޝަނަށް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.

އެގޮތަށް ހުށަހަޅާއިރު، އެއްތަނަކަށް މާގިނަ ބުކިންގ ހައްދާފައި ހުންނަ ތަންތަން ބަލައި ޗެކްކުރަން ފަށާފައިވާ ކަމަށް ހަނަފީ ވިދާޅުވި އެވެ.

ފޭކް ބުކިންގ ގައި ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރި 183 މީހަކު އޮގަސްޓް 16 ވަނަ ދުވަހު ޗާޓަރ ޕްލައިޓެއްގައި ވަނީ ފޮނުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް