ދައުވާކުރާނެ ހެއްކެއް ނެތްކަން އިތުރަށް ޔަގީން ކުރެވިއްޖެ ކަމަށް ސަސްޕެންޝަންގައި ހުންނެވި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
https://twitter.com/AhmedMahloof/status/1428356984139513874
މަހުލޫފު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމު ދެއްކެވި ވާހަކަތަކަށް އިޝާރަތް ކުރައްވަ އެވެ.
މަހުލޫފުގެ މައްސަލާގައި ފުރަތަމަ އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އެ މައްސަލަ ބެލި ޓީމުން ނިންމުމުން އެ މައްސަލަ އެހެން ޓީމަކާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ, އެއީ މުޅިން ޞައްޙަ މައުލޫމާތެއް ނޫން ކަމަށާއި، ދައުވާ ކުރިއަސް ނުކުރިއަސް އެކަމުގައި ޒިންމާވާނީ އޭނާ ކަމަށެވެ. އަދި 100 ވަރަކަށް ޕޮސެކިއުޓަރުން އުޅޭއިރު، ގިނަ ވާހަކަތައް ދައްކާނެ ކަމަށާއި، މި މައްސަލައިގައި ގޮތް ނިންމާނީ ޝަމީމް ކަމަށެވެ.
މި މައްސަލަ ލަސް ވެއްޖެކަމަށް ބުނާ ވާހަކައަށް އިންކާރު ނުކުރާ ކަމަށާއި ދައުވާ ކުރުމާމެދު ގޮތެއް ނުނިންމި 100 ދުވަސް ހޭދަވިޔަސް، ހޯދެން ހުރި ހުރިހާ ހެއްކެއް ނުހޯދެނީސް ގޮތެއް ނުނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަމީމްގެ ވާހަކަތަކާ ގުޅިގެން މަހުލޫފު ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ހެއްކެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވާ ވިދާޅުވުން ޔަގީންވެފައިވާ ކަމަށެވެ. އަދި ދެ އަހަރު ވަންދެން ހެކި ހޯދުމަށް މަސައްކަތް ކުރައްވަނީތޯ މަހުލޫފު ވިދާޅުވި އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މަހުލޫފުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު އައު ހެކިތަކެއް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ނުދާ ކަމަށެވެ.
ނަމަވެސް ޕީޖީގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދައިފައި ހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދިނުމަށް ޕީޖީން އެދިފައިވާތީ، އެ މަސައްކަތް ފުލުސް އޮފީހުން ކުރިއަށް ގެންދާ ކަމަށް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް