ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީން ފަށައިފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު، އެ މިނިސްޓްރީން ބަލަމުންގެންދަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެމަސައްކަތްކޮށް ނިންމާލުމަށް ކަމަށެވެ.
ނަމަވެސް މިގޮނޑަކީ އެތަކެއް އަހަރުވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ޙާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސްވަރަކަށް ކޮނެ، ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއްވެދާނެ ކަމަށްވިޔަސް މިއީ ދާއިމީގޮތުން ލިބޭނެ ބޮޑުލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއްކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
އެ މިނިސްޓްރީން ބުނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން މަސައްކަތް ކުރަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން ދުންއެރުން ހުއްޓުވާ އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމާލުމަ ކަމަށެވެ.
މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް) ގެ އެހީގައި މިނިސްޓްރީން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު ފެށުމަށް އެ މިނސްޓްރީން ދަނީ ތައްޔާރުވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް