ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ޔުނައިޓެޑުން ކަށަވަރުކޮށްފި އެވެ.
މި ޖާގަ އެޓީމުން ކަށަވަރު ކުރީ ރޭ ކުޅުނު މެޗުގައި ފެލްކަން ޔުނައިޓެޑާއި ވާދަކޮށް 2 ލަނޑު 1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ކިންސް ޔުނައިޓެޑުގެ ފުރަތަމަ ލަނޑަކީ އަޙްމަދު ސައްމާޙް ޖެހި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނުކިތްވަގުތު ފެލްކަން ޔުނައިޓެޑްގެ ގޯލްކީޕަރ ފައިގަ ޖެހިފަ ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ޖެހީ ނާޖިހް އަންވަރު އެވެ.
ފެލްކަން ޔުނައިޓެޑުގެ ހަމައެކަނި ލަނޑުޖެހީ ހުސެއިން ނާސިފް އެވެ. މިއީ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު އޭނާ ޖަހައިދިން ލަނޑެކެވެ.
މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ކިންގްސް ޔުނައިޓެޑުގެ އަޙްމަދު ސައްމާޙް އެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ގާގަނޑު އެފްސީ އާއި އެފްސީ ކްރީޗަރސް ވާދަކޮށް 4 ލަނޑު 3 ލަނޑުން މެޗު ކާމިޔާބުކުރީ ގާގަނޑު އެފްސީ އެވެ.
މި މެޗުގައި ގާގަނޑު އެފްސީގެ ލަނޑުތައް ޖަހައިދިނީ އާދިލް ރަޝީދު، ނަސީޙް އަޙްމަދު، ހުސެއިން ޔައުރިފް އަދި އަހްމަދު ރީހާން އެވެ.
އެފްސީ ކްރީޗަރސް ގެ 3 ލަނޑު ވެސް ޖެހީ ޢަލީ މާއިޒް އެވެ.
މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗު ހޯދީ ގާގަނޑު އެފްސީ ގެ މުޙައްމަދު ހިޝާމް އެވެ.
ރޭގެ މެޗުތަކާއެކު ފިރިހެން ބައިގެ ތާވަލަށް ބަލާލާ އިރު، ކިންގްސް ޔުނައިޓެޑު ކުޅުނު ތިން މެޗުން ވެސް މޮޅުވެ، 9 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގާ އޮތް ފެލްކަން ޔުނައިޓެޑުވެސް ތިން މެޗު ކުޅެފައިވާ އިރު، އެޓީމު މޮޅުވީ ދެ މެޗުން ނެވެ. އަދި އެއްމެޗުން ވަނީ ބަލިވެފަ އެެވެ. އެޓީމަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.
ތާވަލުގެ 3 ވަނައިގާ ގާގަނޑު އެފްސީ އޮތީ2 މެޗު ކުޅެ، އެއްމެޗުން މޮޅުވެ، އެއްމެޗުން ބަލިވެ ލިބުނު 3 ޕޮއިންޓާއެކުގަ އެވެ. މިބައިގާ ދެން ހިމެނޭ އެފްސީ ކްރީޗަރސް އާއި އެފްސީ ފެލްކަން މިހާތަނަށް ކުޅުނު 2 މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެހެންވެ އެ ދެ ޓީމަށް އެންމެ ޕޮއިންޓެއް ވެސް އަދިނުލިބެ އެވެ.
މި ފިއެސްޓާގައި މިރޭ ކުޅޭނީ އަންހެން ބައިގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އާއި އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސް ބައްދަލުކުރާ އިރު، ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޑޮޔެންސް އާއި ޗަނބޭލީ ރަނިން އެވެ.
މިއަހަރުގެ ފިއެސްޓާގެ މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ދުވަސްއެމްވީ އެވެ. އަދި ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.
މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާ އިރު، ހުރިހާ މެޗެއް ވެސް މުބާރާތުގެ އެފްބީ ޕޭޖުން ލައިވް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް