ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާ ނުލިބި ހުންނަން ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މާލޭ ދާއިރާގެ ޒުވާނުންނަށް ޚާއްސަކޮށްގެން ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި 35-18 ހަރަކާތުގައި ދެއްވި މެސެޖެއްގައެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަންކެރޭ ހުރިހާ ބޭފުޅުންނަށްވެސް، ވަޒީފާ އަދާކުރުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ސްކިލްހުރި ބޭފުޅުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނަން. މިހެން ދަންވާއިރުވެސް އެންގިވަޑައިގަންވާނެ، ވަޒީފާއަކަށްދާއިރު، އެކުއްޖެއްގެ ސްކިލްހުރި ގޮތަކުން، އެކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުން އެކުއްޖަކަށް ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުން އޮންނާނީ" ގާސިމް ވިދާޅުވިއެވެ.
ޒުވާނުންނާއި މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ތައުލީމީ ގޮތުން ރަނގަޅު ގާބިލް ކުއްޖަކަށް ހެދުމަށްޓަކައި، ހުރިހާ ކުދިންނަށްވެސް، ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާގޮތަށް، ރާއްޖޭންނާއި، ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއްވެސް ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި ބޮޑެތި ބަލިތައް ދިމާވާ ޒުވާން ކުދިންނަށާއި، އަދި އެނޫން ފުރައިގެ މީހުންނަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ކަމަށާއި އެލިބޭއިރު، ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް، އެހީތެރިއަކަށް ދާނެ ހަރަދާއި، ތިބުމުގެ ހަރަދާއި، ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކޭންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް ސަރުކާރުން ފޯރުކޮށްދޭނެކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް