ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ޖުމްހޫރީ މައިދާނުގައި މުޒާހަރާކުރި އިދިކޮޅު ލީޑަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލީޑަރުންގެ ތެރޭގައި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމުގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހިމެނިވަޑައިގަންނަވައެވެ.
އެ ބޭފުޅުންގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ ދެ މެންބަރުން ކަމުގައިވާ އިބްރާހިމް ޝުޖާއު އާއި އަހްމަދު އައިފާންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެ ބޭފުޅުން އެއްވި ސަރަހައްދަކީ ގްރީން ޒޯނަކަށް ވާއިރު ގާނޫނުގައިވާގޮތުން ގްރީން ޒޯނަކަށް އެއްވުމަކީ މަނާ ކަމެކެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެ ލީޑަރުން ޖުމްހޫރީ މައިދާނަށް އެއްވެފައިވާއިރު ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހަފްތާގައި ހުޅުވާލާނެއެވެ.
މަނީ ލޯންޑަރިންއާއި ރިޝްވަތުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިލެވިދާނެކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް