ހއ އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވީ، ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހއ. އިހަވަންދޫއާއި، ހއ. މާރަންދޫއާއި، ހއ. ތަކަންދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް އިފްތިތާހު ކޮށްދެއްވާފައި ވާއިރު، ހއ. ވަށަފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތާއި، ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު އިހަވަންދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. މި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ފުޓުބޯޅަ ދަނޑެކެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ހެނދުނު ހއ. މާރަންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވާފައެވެ. މި އޮފީސް ޢިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް، ޒަމާނީ އޮފީސް ޢިމާރާތެކެވެ. މާރަންދޫ ފެނަކަ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ހއ. ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުވެސް ހުޅުއްވައި ދެއްވާފައެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.
ހއ. ވަށަފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި ޢިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި، ލޯންޑްރީ ހިމެނެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ހއ. ދިއްދޫ ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް