މާލެ ދިއުމަށްޓަކައި އިހަވަންދިއްޕޮޅުގެ ރައްޔިތުން މިހާރު ގައްލަންދޫ ކަނޑު ހުރަސްކުރަން ނުޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޞާލިހު ވިދާޅުވީ ގައްލަންދޫ ކަނޑު ހުރަސްކުރުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް ތުރާލަކާއި ތަކުލީފަކަށް ވެފައި އޮތް ކަމެއް ކަމަށެވެ.
"ގައްލަންދޫ ކަނޑު ހުރަސްކުރުމަކީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް އެންމެ ބޮޑު ތުރާލަކާ ތަކުލީފެއް އުފުލަން ޖެހިފައި އޮތް ކަމެއް. މިރަށަށް އަންނަ ކޮންމެ ފަހަރަކު އެވާހަކަތައް މިރަށުގެ ރައްޔިތުން އަޅުގަނޑުމެންނާ ހިއްސާކުރޭ. ބަލިގެވެން މާބަނޑު މީހެއް ގޮވައިގެންވެސް ހުރަސްކުރަން މި ޖެހެނީ މިއޮއް ގައްލަންދޫ ކަނޑު. މާލެއަށް ދަތުރެއް ކުރެވެނީ އެ ސަރަހައްދު ހުރަސްކޮށްގެން." ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެކަން ބަދަލުކޮށް، ހޯރަފުށީގައި އެޅުނު އެއާޕޯޓުގެ ސަބަބުން އެ ފަސޭހަ ލިބިގެން ގޮސްފައި ވާ ކަމަށާއި މިހާރު މާލެ ދިއުމަށްޓަކައި ގައްލަންދޫ ކަނޑު ހުރަސްކުރަން އިހަވަންދިއްޕޮޅުގެ އެއްވެސް ރައްޔިތަކަށް ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، އިހަވަންދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ގައްލަންދޫ ކަނޑު ހުރަސް ނުކޮށް ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހޯދައިދިނުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިގަތީ އެ ކަމަށް ހައްލެއް ހޯދައިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ބާރު ސްޕީޑުގައި ނުދިޔަ ނަމަވެސް ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ފައިސާ ހޯދާ، ޓެންޑަރ ކޮށް ބަޔަކާ ހަވާލު ކުރެވިފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެ މަސައްކަތް ލަސްވީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނުކޮށްގެނެއް ނޫން ކަމަށެވެ. އަދި މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނީ ކޮންޓްރެކްޓް ކުރެވިފައި އޮތް ފަރާތާ ވާހަކަ ދައްކައިގެން އެކަން ވީހާވެސް އަވަހަކަށް ފެށޭނެ ގޮތެއް ހޯދުން ކަމަށެވެ.
ސަބަބަކީ އަލުން އެހެން ބަޔަކާ ކޮންޓްރެކްޓް ކޮށްފިފިނަމަ އަނެއްކާވެސް ދެތިން މަސް ލަސްވާނެތީ ކަމަށާއި މިހާރު ކުރެވުނު މަޝްވަރާއިން، މިމަސް ހުސްވެ، އަންނަ މަސް ފެށޭއިރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް