ރާއްޖޭގެ ފުޓުބޯޅައަށް އިސްލާހީ ބަދަލެއް ގެނެސްދިނުމަށް އުންމީދުކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ކުރައްވަން ފައްޓަވާ މަސައްކަތް ކިކްއޮފްކުރުން މިރޭ ހިރިޔާ ސްކޫލްގައި ބާއްވަން ނިންމައިފިއެވެ.
ސަޕރައިޒެއްގެ ގޮތުގައި މިކަން ބޭއްވުމަށް، މި އިވެންޓާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަލީ ނުދެއްވައެވެ.
"މިރެއަކީ އިރާދަކުރެއްވިއްޔާ ދިވެހި ފުޓުބޯޅައަށް އާ އުންމީދެއް ގެނެސްދޭނެ ތާރީހީ ރެޔެއް،" ވަރަށް ކުރުކޮށް ފޮނިކޮށް އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުން އަލީ މަސައްކަތް ކުރަމުންދިޔައީ ލަންޑަންގެ ނޮން ލީގުގެ ކްލަބް، ސްޕޯޓިން ލަންޑަނުގެ ކޯޗެއްގެ ގޮތުގައެވެ. އަދި އޭނާގެ ކޯޗު ކަމުގެ ދަށުން ވިމްބެލްޑަން ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް އެ ކްލަބަށް މިދިޔަ މެއި މަހު ކާމިޔާބުކޮށްދިނެވެ.
މިދިޔަ ހަފްތާ އަންގާރަ ދުވަހުގައި މާލެ ވަޑައިގެން ރަސްމީ ފާލަން ކައިރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، އޭނާގެ ފޯކަސް ހުރީ ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރުމަށް ކަމަށެވެ.
މީގެ އިރުތަށް، އަލީގެ ގާތް އެކުވެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަންކަން ވެސް ކުރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) ހިއްސާ އޮންނަ، ނިއު ލެގޫންސް ކްލަބާ، އަލީ ހަވާލުވާން އުޅޭކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ. ބެލެވޭ ގޮތުގައި އޭނާ ބޮޑަށް މަސައްކަތް ކުރާނީ ކޯޗެއްގެ ގޮތުގައެވެ.
އަލީ ވިދާޅުވިގޮތުގައި މި ހުރިހާ ސުވާލެއްގެ ޖަވާބު ވެސް މިރޭ ލިބޭނެއެވެ. މިރޭގެ އިވެންޓްގެ ލައިވް ކަވަރޭޖް 8:30 އިން ފަށައިގެން ދައްކާނެ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް