ކުރީ ސަރުކާރުތަކުން އަޅާނުލާ ކަމަށް ވިދާޅުވެ ރައީސްގެ ބޮޑު ވައުދެއް އިހަވަންދޫ މަސްވެރިންނަށް

ކުރީ ސަރުކާރުތަކުން މަސްވެރިންނަށް އަޅާނުލާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހއ. އިހަވަންދޫ މަސްވެރިންނަށް ބޮޑު ވައުދެއް ވެވަޑައިގެންފިއެވެ. ރިޔާސީ ކެމްޕޭނަށް ހއ. އަތޮ...

20 Jul 2023 | 06:25

ކުރީ ސަރުކާރުތަކުން މަސްވެރިންނަށް އަޅާނުލާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހއ. އިހަވަންދޫ މަސްވެރިންނަށް ބޮޑު ވައުދެއް ވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އިހަވަންދޫއަކީ މަސްވެރި ރަށެއް ކަމަށާއި މާލެއިން އުތުރުގައި އޮތް އެންމެ ގިނައިން މަސްވެރިކަން ކުރާ އުޅަނދުފަހަރު ހުރި ރަށަކީ އިހަވަންދޫ ކަމަށެވެ.

އަދި މަސްވެރިކަމުން އެންމެ ގިނަ އާމްދަނީ އެއް ރަށަކަށް ވަންނަ ސަރަހައްދަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ބާނާ މަސް ވަގުތުން ކިރުމަށް ދަތި ވުމާއި އެއަށް ފައިސާ ލިބުމަށް ހުރި ދަތިތަކާ ތެޔޮލިބުން ފަދަ ކަންކަމަކީ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ހުރި ގޮންޖެހުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދާ ހަމަޔަށް އެ ދަތިތައް މަސްވެރިންނަށް ކުރިމަތިވެފައި ހުރީ ވޭތުވެދިޔަ ސަރުކާރުތަކުން އެ އިންޑަސްޓްރީއާ ދޭތެރޭ އަޅާލަންވީ ވަރަށް އަޅާނުލާ އޮތުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިކަން ތަރައްގީ ކުރުމުގައި ސަރުކާރުން އަދި އަތްދޫކޮށްލައިގެން ނުވާނެ ކަމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަށް ގެންދަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރއަށް އެކީގައި މަސްވެރިކަން ދޫކޮށްލުމަކީ އެންމެ ފައިދާ ހުރި ގޮތެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ވިސްނުމަކީ މިފްކޯއަށް މިހާރަށްވުރެ ބޮޑަށް އިންވެސްޓްކޮށް، ފަސޭހައިން މަސްވެރިންނަށް މަސް ކިރޭނެ ގޮތް ހަދައިދީ، ކިރޭ މަސް ރަނގަޅަށް ފްރީޒް ކުރެވި، ސްޓޯރ ކުރެވި، ރަނގަޅު އަގުގައި ބޭރަށް ވިއްކޭނެ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް އަޅައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެގޮތުން ރަށަށް އިތުރު ކުރެވޭ25 ހެކްޓަރުގެ ބިން ނިމުމަކާ އިހަވަންދޫގައި މަސް ގަންނަ ބަނދަރާއި، މަސް ގަންނަ މަރުކަޒާއެކީގައި އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން މަސް ގަންނަ މަރުކަޒުގައި 50 ޓަނު ބްރައިން ފްރީޒް ކުރެވޭ ގޮތަށް،1000 މެޓްރިކްޓާނު ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރަން ރައީސް ވަނީ ނިންމަވާފައެވެ.

އޭގެ އިތުރުން ބޮޑެތި ދޯނިފަހަރު އެހެލޭނެ ގޮތަށް، އިންޖީނަށް ބޭނުންވާ ސްޕެއަރ އާއި އަޑީތެޔޮ ލިބޭނެ ގޮތަށް އެމްޓީސީސީގެ ސޭލް ސެންޓަރެއް އެތަނުގައި ގާމު ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ނޫނަސް އިހަވަންދޫއަށް ކޮށްދޭން ނިންމާފައިވާ ވައުދުގެ ދިގު ލިސްޓެއް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން ބައެއް ކަންތައްތަކުގެ ތެރޭގައި އިހަވަންދޫ ކައިރީގައި އޮތް ދިގުފަރުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ފެށުމާއި އިހަވަންދުއަށް ބޭނުން ވެފައިވާ ގެދޮރުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ހައުސިންގް މަޝްރޫއެއް ހިންގުމާއި މަސް ގަނެ، މަސް ރައްކާކުރާ ފެސިލިޓީ ނިމިގެންދާއިރު އެތަނުގައި ވެލިއު އެޑް ކޮށްގެން މަސް ޕްރޮސެސް ކުރެވޭނެ އިންތިޒާމު ގާއިމު ކުރުމާއި ބަނދަރުގެ ނެރު ބަދަލު ކުރުމުގެ އިތުރުން މިހާރު ހަދަން ނިންމާފައި ހުރި މަގުތަކުގެ ތެރެއަށް ދެން ހުރި މަގުތައްވެސް އިތުރުކޮށްގެން މަގު ހެދުމުގެ މަޝްރޫއު އިތުރަށް ފުރިހަމަ ކުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް