މާލޭ މަގުމަތިންވި އެކްސިޑެންޓެއްގައި ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒަށް އަނިޔާވި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ހަފީޒް އަނިޔާވި އެކްސީޑެންޓާ ގުޅިގެން ހައްޔަރު ކުރި އުމުރުން 22 އަހަރުގެ ޒުވާނާ ފުރަތަމަ ބަންދަށް ޖެހީ 15 ދުވަހެވެ. އެގޮތުން އޭނާގެ ބަންދު ހަމަވުމާއި ގުޅިގެން ކޯޓިން ނިންމީ އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް އިރުތު 15 ދުވަހަށް އޭނާ ބަންދަށް ބެހެއްޓުމަށެވެ.
ހަފީޒް އެކްސިޑެންޓުވީ ފަތިސް ނަމާދުކޮށް މިސްކިތުން ނިކުމެ މަގުމަތީ ހިނގާފައި އަންނަނިކޮށެވެ. އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ވެސްއަނިޔާވިއެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ފަހުން ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ބުނީ އެކްސިޑެންޓްވިއިރު ސައިކަލް ދުއްވަން އިނީ 22 އަހަރުގެ ޒުވާނެއްކަމަށާއި އޭނަގެ އަތުގައި ލައިސަންސްވެސް ނެތް ކަމަށެވެ.
ހަފީޒް ވެންޓިލޭޓަރުގައި ގިނަ ދުވަސްތަކެއްވަންދެން އޮތުމަށް ފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.
އެ ހިނގި ހާދިސާއިން ބޮޑެތި އަނިޔާ ލިބުމުގެ ސަބަބުން އަލީ ހަފީޒް އަށް އޭޑީކޭއިން ފަރުވާ ލިބިފައިވެއެވެ. އަދި އެއަށްފަހު އޭނާ އެމްބިއުލެންސްއެއްގައި އިންޑިއާއަށްގެންދިޔައީ މީގެ ދުވަސްކޮޅެއް ކުރިން ނެވެ.
ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާއި، އާއްމުންނާއި، ސަރުކާރުން ވެދިން ދީލަތި އެހީއާއެކު ބޭސް ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށް ފަހު، ފަރުވާ ދެމުންގެންދިޔައީ އިންޑިއާގެ ކޮޗިންގައި ހުންނަ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުގަ އެވެ. އެގޮތުން މިހާރު ހަފީޒް ވަނީ މީގެ ދެތިން ދުވަސް ކުރިން ވެންޓިލޭޓަރުން ނަގައި، މިހާރު ހައި ޑިޕެންޑެންސީ ޔުނިޓްގައި ފަރުވާ ހޯދަމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި ސިކުނޑިއާއި ފުއްޕާމޭގެ އެންމެ ކްރިޓިކަލް ހާލަތުން މިހާރު އަރައިގަނެވިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކުރިން އޭޑީކޭގައި ހަފީޒް އޮތް އިރު އޭނާގެ ފައިގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް