"ޔާރާ": އުންމީދު ކުރިވަރުގެ ސީރީޒްއެއްތަ!؟

ކުޅަދާނަ އެކްޓްރެސް އަދި ޕްރޮޑިއުސަރ ރިޝްމީ ރަމީޒް ޕްރޮޑިއުސްކޮށް ބައިސްކޯފުން ދައްކާ "ޔާރާ" ސީރީޒްގެ ފުރަތަމަ ސީޒަން ނިމިއްޖެއެވެ. ޖުމުލަ ހަތަރު ސީޒަނަކަށް ބަހާލާފައިވާ މި ސީރީޒް އުފައްދަމުން އަންނަ ...

20 Jul 2023 | 04:11

ކުޅަދާނަ އެކްޓްރެސް އަދި ޕްރޮޑިއުސަރ ރިޝްމީ ރަމީޒް ޕްރޮޑިއުސްކޮށް ބައިސްކޯފުން ދައްކާ "ޔާރާ" ސީރީޒްގެ ފުރަތަމަ ސީޒަން ނިމިއްޖެއެވެ. ޖުމުލަ ހަތަރު ސީޒަނަކަށް ބަހާލާފައިވާ މި ސީރީޒް އުފައްދަމުން އަންނަ ވާހަކަ އިވުނު ހިސާބުން ފެށިގެންވެސް ރިޝްމީއާއި އޭނާގެ ފޭނުން ތިބީ ސީރީޒް ބަލައިލާހިތުން ކެތްމަދުވެފައެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރިޝްމީ އަކީ މީގެ ކުރިން މޮޅު ފިލްމުތަކެއް ކުޅިފައިވާ 'އެވޯޑް ވިނިންގް' ތަރިއެކެވެ.

ނަމަވެސް ސީޒަން އެކެއް ނިމުމާއެކު ހިތުގައި އުފެދޭ ސުވާލަކީ، ސީރީޒް ހަމަ އެހާ ރަނގަޅު ބާވައެވެ. 'އެކްސްޕެކްޓޭޝަނާ' އެއްވަރު ބާވައެވެ.

ފުރަތަމަ ސީޒަން ނިމުމާއެކު ރިޝްމީ ވަނީ އޭނާގެ އިންސްޓަގްރާމުގައި ފޭނުން ރިވިއުއެއް ދޭން ހުޅުވާލާފައެވެ. ބައެއް މީހުން ބުނި ގޮތުގައި 'ބައިސްކޯފު' އެޕްލިކޭޝަން ފޯނަށް އެޅީވެސް ހަމަ އެ ސީރީޒް ބަލާށެވެ. މިއަށް ޕޮޒިޓިވް ކޮމެންޓް ކުރި މީހުން ބުނާގޮތުގައި ސީރީޒްގައި ޒުވާބު ކޮށް، ދެމަފިރިން ދެމެދުގައި މައްސަލަ ޖެހޭ ސަބަބުތައް އެހީ ރާއްޖޭގެ އަލަށް ކައިވެނި ކުރާ މީހުންނާއި ޒުވާން ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ ސަބަބެވެ. އަދި ފިލްމުގައ ރިޝްމީއާއި އަޒޭ ކުޅީފައިވާ ރާޔާ އާއި ޝިނާންގެ ކެރެކްޓަރގެ ދެމެދުގައި ދެކެވިފައިވާ ވާހަކަ ތަކަކީ ހަގީގަތުގައިވެސް މުޖުތަމައުގައި ހިނގާ ކަންކަމެވެ.

އަދި ރާޔާގެ އެކުވެރި ކެލީ (ސޭންޑީ) އަކީ ކޮންމެ އަންހެން ކުއްޖެއްގެ ހަޔާތާ ގުޅޭނެ ފިރިހެން އެކުވެރިއެއް ކަމަށްވެސް ކޮމެންޓްތަކުގައި ވެއެވެ.

އެހެން މީހަކު ބުނެފައިވާ ގޮތުގައި، ދެމަފިރިން އެކުގައި ސީރީޒް ބަލަން ތިބިއިރު ރާޔާއާއި ޝިނާންގެ ދެމެދުގައި ދެކެވޭ ވާހަކަތައް އަޑުއަހާފައި، އެއީ ހަގީގަތުގައިވެސް ހިނގާ ކަންކަން ކަމަށް ދެމަފިރިންނަށްވެސް އެއްބަސް ވެވޭ ކަމަށެވެ. އަދި ސީރީޒްގައި ރާޔާ އާއި ޝިނާންގެ ދެމެދުގައި ވާ ކަންތައްތަކަކީ ވަރަށް ގިނަ ދެމަފިރިންނަށް ދިމާވާ ކަންތައްތައް ކަމަށް އޭނާވެސް ފާހަގަ ކުރިއެވެ.

ނެގެޓިވް ބައެއް ކޮމެންޓްތަކަށް ބަލާއިރު، ސީޒަންގެ ނިމުން އެހާ ރީތި ނޫން ކަމަށް މީހަކު ބުނެފައިވެއެވެ. އަދި ބައެއް ސީންތައް މާ ބޮޑަށް ދިގުލައިގެން ދާކަމަށް މީހަކު ބުނެފައިވެއެވެ.

ޖުމުލަކޮށް ބަލާއިރު ކޮމެންޓްތަކުގައި ބުނެފައި ވަނީ މުޅިއަކުން ގޯސް ވާހަކަތަކެއް ނޫނެވެ. ރާޔާއާއި ޝިނާންގެ ހަޔާތުގައި ވާކަންތައްތަކަކީ ހަގީގަތުގައިވެސް ދިމާވާ ކަންތައްތަކެވެ. އަދި ރިޝްމީއާއި އަޒޭފަދަ ސްޓާރުންގެ އެކްޓިންގް ގޯހެކޭ ބުނެވޭކަށް ނެތެވެ. ނަމަވެސް ބާކީ ތިބި ގިނަ ސްޓާރުންގެ އެކްޓިންގް ހަމަ އެހާ ރަނގަޅު ބާވައޭ ހިތަށް އަރައެވެ.

ސީރީޒްގެ ދެބައިކުޅަ އެއްބައި ފަންނާނުން ދައްކުވައިދިނީ ތުއި ޕަރސަނަލިޓީއެވެ. އޭގެ ތެރޭގައި ކެލީ، ޝާޔާ (އައްޒަ)، ޝާޔާއާއި ރާޔާގެ މަންމަގެ ދުވަސްވީ ދެ އެކުވެރިން، ރާޔާގެ އޮފީސް މީހުން ހިމެނެއެވެ.

ކޮމެންޓްގައި ވެސް ދެތިން މީހެއް ފާހަގަ ކުރި ފަދައިން، ކުޑަކޮށް ވިޔަސް ރިޝްމީ އެނގޭ މީހަކު ސީރީޒް ބަލައިފިނަމަ އަހާނީ އެހީ ހަގީގީ ސީރީޒްއެއް ތޯއެވެ. ސަބަބަކީ ހަމަ އެހެން ހީވާތީއެވެ. މުޅި ސީރީޒްގައިވެސް ރިޝްމީގެ އެންމެ ރީތި ރީނދޫ ކުލަ ހިމެނޭ ތަކެތި ވަކިން ގިނައެވެ. އަދި ރިޝްމީގެ 'ކްރަޝް' ޝާހުރު ޚާންގެ ފިލްމުތަކުގެ ބައެއް މަންޒަރުތައް ރި-ކްރިއޭޓް ކޮށްފައިވެސް ވެއެވެ. ސީރީޒްގައިވެސް ޝާހުރު ހާންގެ ވާހަކަ ދައްކައެވެ.

އަނެއް ކަމަކީ ޝާޠޔާ އާއި ރާޔާގެ ގުޅުމެވެ. ސޯޝަލްމީޑިޔާއިން ދެ ފަންނާނުން ފޮލޯ ކުރާ މީހުންނަށް އެނގޭނެއެވެ. އައްޒައ އަކީ ވާ ހުރިހާ ކަމެއް ސްޓޯރީގައި ހިއްސާކުރާ ފަންނާނެކެވެ. ނަމަވެސް ރިޝްމީ އެއާ ތަފާތެކެވ. ސީރީޒްގައިވެސް ހަމަ އެހެންނެވެ. ހީވަނީ ދެމީހުންގެ އައސްލު ދިރިއުޅުން ބަލައިލެވޭހެންނެވެ.

އަދި ސީރީޒްގައި ޝާޔާ (އައްޒަ)އާއި ބޯއީފްރެންޑްގެ ބައި ކުޅޭ ނާއިލް (ވިޝާލް)ހީވަނީ އައްޒަ އާއި މުއާ ސޯޝަލްމީޑިޔާގައި ފެންނަ ހެންނެވެ. އަބަދު 'ބޭބީ' ވެފައެވެ.

މިފަދަ ކަންތައްތައް ހުރުމުން ފޭނުން ކުރި ސުވާލުގެ ޖަވާބަކަށް ރިޝް މީ ބުނީ، އަސްލު ދިރިއުޅުމާއި ސީރީޒްގައި އޭނާ ކުޅިފައިވާ ބައި ވަރަށް ބޮޑުތަން އެއްގޮތް ވާނެ ކަމަށާއި އަދި އައްޒަގެ ކެރެކްޓަރގައި ވެސް 'ސިމިލަރިޓީޒް' ހުންނާނެ ކަމަށވެ. ނަމަވެސް ސީރީޒްއެއް ކަމުން ބަދަލުތައް ހުންނާނެ ކަމަށެވެ.

ކޮންމެއަކަސް ސީރީޒްގައި ދައްކުވާ ފަދައިން ބައެއް ޒުވާނުން ދެތިން ކައިވެނި ކޮށްފައި ވެއވެވެ. ދެމަފިރިންގެ ދެމެދުގައްޔާއި ރައްޓެހިންގެ މެދުގައި އެފަދަ މައްސަލަ ޖެހެއެވެ. އާއްމު ދިރިއުޅުމުގައިވެސް ތުއިކަން ބޮޑުމީހުން އުޅެއެވެ. އެހެންކަމަށް ވާނަ މި ސީޒަން އުންމީދު ކުރިވަރަށް ފެންވަރު ރަނގަޅު ބާވައެވެ؟ ބައިސްކޯފުން ބަލައިލުމަށްފަހު ބެލުންތެރިން ގޮތެއް ނިންމާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް