ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް އެދި މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި ދަންނަވާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރޔ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާ ކައުންސިލުން މަސައްކަތާ ހަވާލުވިތާ 14 މަސް ދުވަހުގެ ތެރޭ، މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމާ ގުޅޭގޮތުން އެތައް ފަހަރެއްގެ މަތިން މަޝްވަރާކުރެވި، އެކަމަށް އެދިފައިވާނެ ކަމަށާއި އެގޮތުން އެހެން ރަށްރަށުގައި ވެސް ގޯތި ދޫކުރާ އުސޫލުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިން ހިއްކާފައިވާ ސަރަހައްދުން މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ސިޓީން ދަންނަވާފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ގެދޮރުގެ ކަންކަމުގައި ސަރުކާރުން ކައުންސިލާ މަޝްވަރާ ނުކުރާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ސަރުކާރުން ގޯއްޗަށް ހުޅުވާލާފައިވާ ފުރުސަތުގައި ނިކަމެތިންނަށް އިސްކަން ލިބޭގޮތަށް ގޯތި ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން އެކަން ކުރަނީ ރަނގަޅަށްތޯ އަދި އިންސާފުންތޯ ޔަގީންކުރަން ބޭނުންވާ ކަމަށާއި އެކަމުގައި އެހީއަށް ކައުންސިލުން އެދުމުން، ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ލޮނުޒިޔާރަތް ޕާކުގައި މާލޭ ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި މޭޔަރޔ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މޭޔަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރާ މަސައްކަތްތަކުގައި ކައުންސިލް ބައިވެރިކުރުމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތްނަމަވެސް މަދު މިނިސްޓްރީއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ނޫނީ، އެ މުއައްސަސާތަކުން ކުރާ މަސައްކަތެއްގައި ނުވަތަ ފަށާ މަޝްރޫއެއްގައި ބައިވެރި ނުކުރާ ކަމަށެވެ.
މިދިޔަ މަހުގެ ފަހުކޮޅު ސަރުކާރުން ވަނީ މާލެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ މާލެ ރައްޔިތުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ގުޅީފަޅުން 3،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް