100 މެގަވޮޓް ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެއް އަންނައަހަރު އަޅަނީ

100 މެގަވޮޓް ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެއް އަންނައަހަރު އަޅަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ ކު...

20 Jul 2022 | 10:05

100 މެގަވޮޓް ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެއް އަންނައަހަރު އަޅަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހަމްދު ޝަރީފް ވިދާޅުވީ މި ޕްރޮޖެކްޓްގައި ފުރަތަމަ ނިންމާފައި އޮތީ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށްނަަމަވެސް 70 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އަލަށް އަޅާ އިންޖީނު ގެއަކީ 100 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެއް. އިންޖީނުގެ އެޅުމަށް ޓެކްނިކަލް މަސައްކަތްތައް މިހާރު ކުރަމުން ދަނީ." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މި މަޝްރޫއު ނިމުމުން 2030ގެ ކުރިން ކަރަންޓުގެ އުފެއްދުން އިތުރުކުރަން މަސައްކަތް ކުރަންޖެހޭނެކަމަލަށް ލަފާ ނުކުރެވޭ ކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެބޮޑު އިންޖީނުގެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މި މަޝްރޫޢޫގެ ފައިނޭންޝިއަލް މޮޑަލް އަކީ ކޮބައިކަން ބަލަމުން އަންނަކަމަށާއި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އުއްމީދަކީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފެށުންކަމަށެވެ.

މި މަޝްރޫޢު ކުރިއަށްގެންދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްޓޭލްކޯއިން ތަރައްޤީކުރި "ފިފްތް ޕަވަތް ޕްރޮޖެކްޓް" އިންޖީނުގެއާ، އިންވެގެން އޮތް ބިމުގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ފިފްތް ޕަވަރ މަޝްރޫޢަކީ މިހާތަނަށް އެއް އިމާރާތެއްގައި ޚިދުމަތްދޭ އެންމެ ބޮޑު އިންޖީނުގެއެވެ. މި އިންޖީނުގޭގައި 50 މެގަވޮޓްގެ ކަރަންޓު ދެވޭ ކެޕޭސިޓީވަނީ ޤާއިމުކޮށްފައެވެ.

މާލެ ސަރަޙައްދުގައި އިތުރުވަމުންއަންނަ އާބާދީއަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ ޤާއިމުކުރަމުން ސްޓެލްކޯއިން ބުރަ މަސައްކަތްތަކެއް ކުރަމުންއަންނައިރު، މާލެއަށް ކަރަންޓުދިނުމަށް، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމުގެ ހަތަރު މަޝްރޫޢެއް މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެހެންނަމަވެސް ސްޓެލްކޯގެ މާލޭގެ އިންޖީނުގޭގެ މުޅި ކެޕޭސިޓީ ވެސް 100 މެގަވޮޓަކަށް ނާރައެވެ. އެހެންވެ، ސްޓެލްކޯއިން ތައްޔާރުވަމުންދަނީ މާލޭގެ އިތުރުވަމުން އަންނަ އާބާދީއާއި ކުރިމަގުގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ އާބާދީއަށް އަންނާނެ ބޮޑެތި ބަދަލުތަކަށް ބަލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް