ދެކުނު އިރުމަތީ އޭޝިއާ މާކެޓަށް އަމާޒުކޮށްގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކެމްޕޭނެއް ފަށައިފިއެވެ.
ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށް އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް އިން ޓްރެވަލް + ލެޝަރ ސައުތުއީސްޓް އޭޝިއާ އާއެކު ފެށި މި ކެމްޕެއިން މި އަހަރުގެ ޖުލައި މަހުން ފެށިގެން 2023 ވަނަ އަހަރު ފެށެންދެން ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
ފަތުރުވެރިކަމާ ބެހޭ މައުލޫމާތު ހިއްސާކުރާ އޮންލައިން މަޖައްލާ، ޓްރެވަލް + ލެޝަރ ސައުތުއީސްޓް އޭޝިއަކީ 2007 ވަނަ އަހަރު ތައާރަފްކޮށްފައިވާ މަޖައްލާއެކެވެ. ފަތުރުވެރިކަމުގެ މަންޒިލްތަކާއި އެ ތަންތަނުން ތަޖުރިބާކުރެވޭނެ ކަންތައްތައް އާޓިކަލްތަކުގެ ޒަރިއްޔާއިން އެ މަޖައްލާއިން ދަނީ ހިއްސާ ކުރަމުންނެވެ.
މި ޕަބްލިކޭޝަނަކީ ފިލިޕީންސް، މެލޭޝިއާ، އިންޑޮނީޝިއާ، ސިންގަޕޫރު، ތައިލޭންޑް، އަދި ވިއެޓްނާމް ފަދަ ގައުމުތަކުގައި ބޮޑު އޯޑިއަންސެއް އޮންނަ މަޖައްލާއެކެވެ.
މި ކެމްޕޭން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ސެގްމަންޓްތަކާއި، ޕްރޮޑަކްޓްތަކާއި އަދި ތަފާތު ތަޖުރިބާތައް ދެކުނުއިރުމަތީ އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި ޕްރޮމޯޓް ކުރާނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ޚާއްސަ ސިފަތަކާއި، ވަން-އައިލެންޑް-ވަން ރިސޯޓު ކޮންސެޕްޓާއި، ރާއްޖެއާ ގުޅުންހުރި ދަތުރުފަތުރުގެ އެންމެ ފަހުގެ މަޢުލޫމާތާއި ގައިޑްލައިންތައް އެ މަޖައްލާގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި އިޝްތިހާރުތަކާއި ބެނަރތައް ޝާއިޢުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ މަޖައްލާގެ ޑޭޓާބޭސްގައި ހިިމެނޭ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް