ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރ.ޓީ.އެލް) ބަހުގެ ޚިދުމަތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް އެމްޓީސީސީން
ތައްޔާރު ވެއްޖެއެވެ.
އެގޮތުން މު ޖިލައި މަހުގެ 16 ވަނަ ދުވަހު ފުރަތަމަ ޝިޕްމަންޓްގައި 36 ބަސް ރާއްޖެ ގެނެސްފައިވާއިރު، އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫ ގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ބަހުގެ ޚިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫޢު
"ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތެކެވެ.
"ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ޚިދުމަތްތަކުގެ ތެރޭގައި އާރޓީއެލް ފެރީގެ ޚިދުމަތާއި އާރޓީއެލް ބަހުގެ ޚިދުމަތް ދިނުން ހިމެނެއެވެ.
މިގޮތުން، ހދ. އަދި ހއ. އަތޮޅަށް އާރޓީއެލް ފެރީގެ ޚިދުމަތް ދޭން ފަށާފައުވާއިރު، ށ. އަތޮޅުގައި މި ޚިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
އަަލަށް ގެނެވުނު ބަސްތަކުގައި 18 ނުވަތަ 20 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި ބަހުގެ ޚިދުމަތް ދޭން ފެށުމާއެކު 1 ޖުލައި 2021 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވެފައި އޮތް އަތޮޅު ތެރޭގެ ބަހުގެ ޚިދުމަތް ފެށިގެންދާނެއެވެ. އަދި މާލެ ސިޓީ ތެރޭގައި ދުއްވާ ބަހުގެ ޚިދުމަތް ފެށިގެންދާނެއެވެ.
އެމްޓީސީސީގެ މަޤްސަދަކީ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބަހުގެ ޚިދުމަތް ރައްޔިތުންނަށް ދޭން ފެށުން ކަމަށް ބުނެއެވެ.
ބަހުގެ ޙިދުމަތުގެ ރޫޓުތަކާއި އޮޕަރޭޓް ކުރެވޭނެ ގޮތަށް ބަލާލާއިރު، މާލޭގައި ދެ ރޫޓަކުން 12 ބަސް ދަތުރުކުރާނެއެވެ. އަދި އައްޑު ސިޓީ (ފޭދޫ- ހިތަދޫ) ގައި ދެ ރޫޓަކުން 8 ބަސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑު ސިޓީ މީދޫގައި ހަތަރު ރޫޓަކުން ހަތަރު ބަސް ދަތުރުކުރާއިރު، ފުވައްމުލައް ސިޓީގައި ތިން ރޫޓަކުން ފަސް ބަހެއް ދަތުރުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ލ. ގަން، ފޮނަދޫގައި ހަތަރު ރޫޓަކުން ފަސް ބަސް އަދި ލ. އިސްދޫ ކަލައިދޫގައި ދެ ބަސް ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. މި ދެ ބަސް ދަތުރުކުރާނީ އެއް ރޫޓަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް