ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަފެންފުޅެއް: މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަފެންފުޅެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ. މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވި...

20 Jul 2022 | 05:28

ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަފެންފުޅެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ޙަވާކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕަކީ މީގެ އަހަރުތަކެއް ކުރިން މަތީ ސާނަވީ މަރުހަލާގައި ރަންވަނަ ހޯދަމުން އަންނަ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕްތަކެއް ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވަނީ މި ސްކޮލަޝިޕްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ކަމަށާއި އެގޮތުން މިހާރު މި ސްކޮލަރޝިޕް ބައްޓަންކޮށްފައިވާގޮތުން، ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ޤައުމަކުން ކިޔެވޭނެ ފުރުޞަތު ފަހިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަފެންފުޅެއް. ތި ކުދިންނަށް މިއަދު މިލިބޭ ފުރުސަތަކީ ތައުލީމީ ޖީލުގެ މުހިއްމު ބައި އަދާކުރުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކުރުމަށް ތައުލީމު ހޯދުމަށް ދެވޭ ފުރުސަތު. ކިޔަވައި ނިމިގެން އެނބުރި ގައުމަށް އައިސް ގައުމުގައި ތިޔަ ދަރިވަރުން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެން ބޭނުންވާ އެއް ޒަމާން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ އެންމެ ނާޒުކު ޙާލަތުގައި ޚަރަދުތައް ކުޑަކުރެއްވުމާއި ބައެއް މަޝްރޫޢުތަކަށް އެކިކަހަލަ ބަދަލުތައް ގެންވިއިރުވެސް، ދަރިވަރުންނަށް ދެއްވާ ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯނުތަކަށް އެއްވެސް މަދުކުރެއްވުމެއް، އުނިކުރެއްވުމެއް ނުގެންނެވިކަމީ މިސަރުކާރުން، ޚާއްސަކޮށް ރައީސް މަތީ ތަޢުލީމަށްދެއްވާ އަހަމިއްޔަތުކަން ޙާމަވާ ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ވަނީ ލިބިފައެވެ. އަދި 79 ދަރިވަރަކަށް ހައި އެޗީވަރސް ސްކޮލަރޝިޕް ވަނީ ލިބިފައެވެ.

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސޮކޮލަރޝިޕަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ދެވޭ ވަރަށް ޚާއްސަ ސްކޮލަރޝިޕެކެވެ. މިއީ ދައުލަތުން ޚަރަދުކުރައްވައިގެން ދެއްވާ އެންމެ ޝަރަފްވެރި ސްކޮލަރޝިޕެވެ.

މި ސްކޮލަރޝިޕް ހޯދުމުގެ ފުރުސަތު ލިބެނީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ މަތީ ސާނަވީ އިމްތިޙާން ނިންމާ ދަރިވަރުންގެ ތެރެއިން، ސްކޫލް މަދަރުސާގައި ކިޔަވައިދިން އޭލެވެލްގެ 3 މާއްދާއިންނާއި އެޗްއެސްސީ އިމްތިޙާނުގެ އިސްލާމާއި ދިވެހި މާއްދާއާއެކު 5 މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށާއި ޝަހާދާ ސާނަވިއްޔާ އިމްތިޙާނުން "އިމްތިޔާޒު"ގެ ދަރަޖާގައި ފާސްވާ ދަރިވަރުންނަށެވެ. އެއީ އެދަރިވަރަކު އޯލެވެލްގެ އިނގިރޭސީން ދަށްވެގެން ސީ ފާސް ނުވަތަ އެފެންވަރުގެ އެހެން ފާހެއް ޙާސިލްކޮށްފައިވާނަމައެވެ.

މި ސްކޮލަރޝިޕް މިފަހަރު ލިބުނު ހަ ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީ.އެޗް.އެސް.ސީގެ 5 ދަރިވަރުންނާއި، ކުޅުދުއްފުށީ ސިޓީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރެކެވެ.

މި ސްކޮލަރޝިޕްގެ ފުރުޞަތު ކާމިޔާބު ކުރާ ކޮންމެ ދަރިވަރަކަށް އެދަރިވަރަކު އިޚްތިޔާރުކުރާ، ޤައުމެއްކަމަށް ދިވެހިރާއްޖެ ޤަބޫލުކުރާ ކޮންމެ ޤައުމެއްގެ، ކޮންމެ ޔުނިވަރސިޓީއަކުން، ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ޚަރަދު ހަމަޖައްސައިދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް