ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންކަން ދުރާލައި ކުރުމަށް މީރާއިން އިލްތިމާސްކޮށްފި

ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންކަން ދުރާލައި ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކޮށްފިއެވެ. އެ އޮތޯރިޓީން މިގޮަތަށް އިލްތިމާސްކުރީ މި ޖުލައި މަހު...

20 Jul 2022 | 05:04

ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންކަން ދުރާލައި ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކޮށްފިއެވެ.

އެ އޮތޯރިޓީން މިގޮަތަށް އިލްތިމާސްކުރީ މި ޖުލައި މަހުގެ 31 ވަނަ ދުވަހު ޓެކްސްގެ ގިނަ ސުންގަޑިތަކެއް އަންނާތީއެވެ.

އޭގެތެރޭގައި އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއާއި ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ހިމެނެއެވެ. އަދި ޖޫން 2022ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއާއި ޖޫން 2022 ގެ އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވެސް ހިމެނެއެވެ.

އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅަންޖެހޭނީ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 2021 ވަނަ އަހަރު ދައްކަންޖެހުނު ޓެކުހުގެ އަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުންނެވެ. 2022 ވަނަ އަހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުކަމުގައި ވާނަމަ އަންދާޒާކުރާ ޓެކުހުގެ ޢަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވާނަމައެވެ.

މި ޓެކްސްތަކަށް އޮންލައިންކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމް މީރާއިން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަކީ ވެސް މީރާކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކެއްކަމުގައިވާތީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުން ވެސް މީރާކަނެކްޓް ބޭނުންކުރުމަށް އިސްކަންދިނުމަށް ވެސް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް