ސްކޭމަށް ސަމާލު: އެއްކޮޅުން ކޮކާކޯލާ ފްރިޖެއް އަނެއްކޮޅުން ސޮނެވާއިން ރިސޯޓު ދަތުރެއް

ފާއިތުވި ދެތިން ދުވަހަކު މި ދެ ޕޯސްޓެއް ވަރަށް ގިނައިން އެބަ ފެނެއެވެ. ވަރަށް ގިނަ ދިވެހިންނަށްވެސް މި ދެ ޕޯސްޓް ހުންނާނީ ފެނިފައިކަމަށް ބަލަމާ ހިނގާށެވެ. އެއް ޕޯސްޓަކީ "ކޮކާ ކޯލާ ފޭންސް" ނަމަކަށްކިޔާ...

20 Jul 2022 | 04:29

ފާއިތުވި ދެތިން ދުވަހަކު މި ދެ ޕޯސްޓެއް ވަރަށް ގިނައިން އެބަ ފެނެއެވެ. ވަރަށް ގިނަ ދިވެހިންނަށްވެސް މި ދެ ޕޯސްޓް ހުންނާނީ ފެނިފައިކަމަށް ބަލަމާ ހިނގާށެވެ.

އެއް ޕޯސްޓަކީ "ކޮކާ ކޯލާ ފޭންސް" ނަމަކަށްކިޔާ ފޭސްބުކް ޕޭޖަކުން ކުރިއަށްގެންދާ ޕޯސްޓެކެވެ.

އެ ޕޯސްޓްގައި ބުނަނީ ކޮކާކޯލާ ކުންފުންޏަށް 131 އަހަރު ފުރުމުގެ މުނާސަބަތުގައި ކޮކާކޯލާ ކުންފުނިން ހިލޭ "މިނީ ފްރިޖް" ތަކެއް ބަހަން ނިންމާފައިވާކަމަށެވެ. ހޯދަން ބޭނުން ނަމަ "އައި ވޯންޓް" މިހެން ލިޔެ ކޮމެންޓް ކުރުމުން ޝަރުތު ހަމަވީ ކަމަށެވެ. އެ ޕޯސްޓް މިހާތަަނަށް 30 ހާސް މީހުުން ޝެއާކޮށް 34 ހާސް މީހުން "އައި ވޯންޓް" ކަމަށް ކޮމެންޓް ކޮށްފައިވެއެވެ. ކޮމެންޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އިއްޔެގެ ނިޔަލަށެވެ.

އިއްޔެގެ ނިޔަލަށް ފުރުސަަތު ހުޅުވާލުމަށްފަހު ކޮމެންޓް ކުރި އެންމެންނަށް އިއްޔެ އެ ޕޭޖުން ވަނީ އުފާވެރި ހަބަރެއް ގެނެސްދީފައެވެ. އެއީ ލިންކަކަށް ގޮސް "ސައިން އަޕް" ވުމުން ފްރިޖް ލިބިގެންދާނެ ކަމަށެވެ.

ދެވަނަ ޕޯސްޓަށް ބަލައިލަމާ ހިނގާށެވެ.

ދެވަނަ ޕޯސްޓަކީ "މޯލްޑިވްސް ގެޓްއަވޭ" ނަމުގައި ހަދާފައިވާ ޕޭޖަކުން ކޮށްފައިވާ ޕޯސްޓެކެވެ.

އެ ޕޯސްޓްގައި ޕޯސްޓެއް ކޮށްފައިވަނީ ސޮނެވާ ޖާނީގެ ވެރިޔާ ސޯނޫ ޝިވްދަސާނީގެ ނަމުގައެވެ. އެ ޕޯސްޓްގައި ބުނަނީ ކޮވިޑަށްފަހު ޓޫރިޒަމް ފަށައިގަނެވުމުގެ އުފަލުގައި އަށް މީހަކަށް ރިސޯޓުން 10 ދުވަހުގެ ސްޓޭއެއް ދޭން ބޭނުންވާކަމަށެވެ. ބޭނުން ނަމަ އެ ޕޯސްޓް ޝެއަކޮށް ޕޭޖަށް ލައިކް ދިނުމަށްފަހު "ޑަން" ލިޔެލުމުން ގުރުއަތުގައި ބައިވެރިވެވުނީ ކަމަށެވެ. މި މަހުގެ 23 ގެ ކުރިން "ޑަން" ލިޔަން ޖެހެއެވެ.

މިހާތަނަށް މި ޕޯސްޓް ގާތްގަނޑަކަށް 500 މީހަކު ޝެއަރކޮށްފައިވާއިރު 500 މީހަކު ކޮމެންޓްކޮށްފައިވެއެވެ.

"ޑަން" ޖަހާފައި ކޮމެންޓް ކުރުމުން އިތުރު ރިޕްލައި އެއް ލިބެއެވެ. އެ ރިޕްލައިގައި ބުނަނީ ވެލިޑޭޝަން ޕްރޮސެސް ފުރިހަމަކުރުމަށް ޕޭޖުގެ "ސައިން އަޕް" ބަޓަނަށް ކްލިކް ކޮށްލުމަށެވެ.

އެ ބަޓަނާ އެންމެ ފުރަތަމަ މަތީގައި ލިޔެފައިވާ އެ ޕޯސްޓްގެ ލިންކާ ގާތްގަނޑަކަށް އެއް ގޮތެވެ. ކޮމްޕިއުޓަރަކުން ނުވަތަ ލެޕްޓޮޕަކުން އެ ލިންކަށް ގޮސްފިނަމަ އަންނަނީ "އެރާރ" ޕޭޖެކެވެ. ފޯނަކުން އޭގެން ލިންކަކަށް ގޮސްފިނަމަ އަންނާނީ "ފްރީ ގިފްޓް" ކާޑެއް ހިޔާރު ކުުރުމަށެވެ.

ސްކޭމް ފެށޭ ހިސާބަކީ މިއެވެ. އޭގެން "ފްރީ ގިފްޓް" ކާޑަކަށް ކްލިކް ކޮށްލުމުން ފޯނުގެ އެސްއެމްއެސް އެޕް ހުޅުވޭނީ "އައި ވޯންޓް ޕާޓިސިޕޭޓް" މެސެޖަކާއެކު އެ މެސެޖު 10 ވަރަކަށް ބޭރު ނަމްބަރަށް ފޮނުވޭ ގޮތަށެެވެ. ރެސިޕެންޓް ލިސްޓް ބަލައިލުމުން އެ ނަމްބަރުތައް ފެންނަން ހުންނާނެއެވެ.

ސްކޭމް ކުރުމުގެ މި އުކުޅަކީ "ޕްރިމިއަމް އެސްއެމްއެސް ސްކޭމް" އެވެ. މި ބާވަތުގެ ސްކޭމްގައި ވާގޮތަކީ އޭގެން ކޮންމެ ނަމްބަރަކަށް މެސެޖު ދާއިރު އިންޓަނޭޝަނަލް ރޭޓެއްގައި ނުވަތަ އެއަށްވުރެ ވެސް ބޮޑު ރޭޓެއްގައި 10 ނުވަތަ އެއަށްވުރެ ގިނަ އެސްއެމްއެސްއަށް ފޯނުން ލާރި ކަނޑާލުމެވެ. އެ ފައިސާއިން ބައެއް ފޯނުގެ ސާވިސް ޕްރޮވައިޑާއަށް ލިބޭއިރު އަނެއް ބައި ދާނީ ސްކޭމްކުރާ ފަރާތަށެެވެ. މިފަދަ ސްކޭމްތައް ގިނަފަހަރު ސެޓްކުރަނީ ޕްރައިވެޓް ސާވިސް ޕްރޮަވައިޑަރތަކުގައި ކަމުން ގިނަ ފަހަރު ސްކޭމަރުން ބޭނުން ރޭޓެއް ސެޓްކޮށް މިފަދަ ސްކޭމްތައް ހިންގައެވެ.

މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް:-

މިފަދަ ޕޯސްޓްތައް ފެނުމުން އިތުރަށް ޝެއަރ ކޮށް އޭގައި ބައިވެރިވުމުގެ ބަދަލުގައި ގޫގަލް ކޮށްލުން، އެއީ އަސްލު ޕޭޖެއްތޯ ބަލައިލުން (ޕޭޖުގަ ކަވަރ ފޮޓޯ އިންތޯ؟ ޕޭޖަށް ލިބިފައިވަނީ ކިހާ ލައިކެއްތޯ؟ އިތުރު ޕޯސްޓްތަކެއް ޕޭޖުގައި ހުރިތޯ؟) ހިމެނެއެވެ. މިސާލަކަށް މަތީގައި އެވާ ދެ ޕޯސްޓަށް ބަލައިލަމާ ހިނގާށެވެ. ކޮކާކޯލާއިން ޕްރޮމޯޝަނެއް ހިންގަން ވަކި ޕޭޖެއް ހަދަންވީ ކީއްކުރަން ހެއްޔެވެ؟ މިލިޔަނުން ލައިކް ލިބިފައިވާ އެ ކުންފުނީގެ ރަސްމީ ޕޭޖެއް އިނދެއެވެ.

ސޯނޫ ޝިވްދަސާނީ އޭނާގެ ރިސޯޓަކުން ހިލޭ ދަތުރެއް ދޭން އިތުރު ޕޭޖެއް ހެދުމުގެ ބޭނުމެއް އޮންނާނެ ހެއްޔެވެ. އޭނާގެ ރިސޯޓުތަކުގެ ޕޭޖުތަކުގެ ލައިކްވެސް ލައްކައިން ގުނާލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް