ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި ވަނީ އިތުރުކުރެވިފަ: ރައީސް ސޯލިހު

ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙ...

20 Jul 2022 | 04:29

ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޓިވެޓް ސެންޓަރަކާއި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރުވެސް ކުރިއަށް އެބަދާ ކަމަށާއި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ދަރިވަރުންނަށް ފަހިކޮށްދެވެމުންދާ ތަޢުލީމުގެ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ އަހަރުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް ތަޢާރަފްކޮށް، މިއަދާ ހަމައަށް 14711 ދަރިވަރުންނަށް އެ ޕްރޮގްރާމުން ވާނީ ފުރުޞަތު ހޯދައި ދެވިފައި ކަމަށާއި 4696 ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށް ދަސްވެނިވެފައިވާ ކަމަށެވެ.

މީގެއިތުރުން ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުވާނެ މަރުޙަލާއަކަށް އާދެވިފައިވާ ކަމަށާއި އެ އިންތިޒާމްގެ ދަށުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ އިންތިޒާމުތައް މިސަރުކާރުން ހަމަޖައްސައިދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ 7 ރަށެއްގައި އަލަށް ސާނަވީ ތަޢުލީމުދޭން ފަށާފައިވާ ކަމަށާއި، އިތުރު 3 ރަށެއްގައި އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 6 ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕްގެ ލިޔުން މިޖަލްސާގައި އެދަރިވަރުންނާއި ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާއެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީ.އެޗް.އެސް.އީގެ 5 އަންހެންދަރިވަރުންނާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަންހެން ދަރިވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް