ލަންކާއަށް ބޮޑު ދުވަހެއް: ބޮޑު ނިންމުމަކުން އާ ރައީސެއް މިއަދު ހޮވާނެ

ސްރީ ލަންކާއަށް މިއަދަކީ ބޮޑު ދުވަހަކަށް ވާނެއެވެ. ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ ރައީސްކަމުން އިސްތިއުފާ ދެއްވުމުން އެ ގައުމަށް އާ ރައީސަކު މިއަދު ހޮވާނެއެވެ. ރައީސަކު ހޮވާނީ މިއަދު އޮންނަ ގާނޫނު ހަދާ މަ...

20 Jul 2022 | 03:31

ސްރީ ލަންކާއަށް މިއަދަކީ ބޮޑު ދުވަހަކަށް ވާނެއެވެ. ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ ރައީސްކަމުން އިސްތިއުފާ ދެއްވުމުން އެ ގައުމަށް އާ ރައީސަކު މިއަދު ހޮވާނެއެވެ. ރައީސަކު ހޮވާނީ މިއަދު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ޖަލްސާގައެވެ.

މިއީ އެ ގައުމުގައި ގާނޫނު ހަދާ މަޖިލީހުން މިފަދަ ގޮތަކަށް ރައީސަކު ހޮވާ ދެވަނަ ފަހަރެވެ. އެއީ ދައުރުގެ މެދުތެރޭން ރައީސަކު ހޮވަން ޖެހުމުންނެވެ.

ރައީސްކަމަށް ހަތަރު ކެނޑިޑޭޓަކު ކުރިމަތިލެއްވި ނަމަވެސް އިއްޔެގެ ވަގުތެއްގައި އެއް ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގާފައެވެ. އެއީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަޑަސަ އެވެ. އޭނާ ނަން އަނބުރާ ނެގީ ކޮންމެ ކެނޑިޑޭޓަކު ރައީސަށް ހޮވުނު ނަމަވެސް ބޮޑުވަޒީރުކަން އޭނާއަށް ދޭފަދަ އިންތިޒާމީ ޑީލެއް އޮތުމުން ކަމަށް އަޑު ފެތުރިފައިވެއެވެ.

ކުރިމަތިލާ ތިން ކެނޑިޑޭޓުންނަކީ އިންތިގާލީ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެސްއެލްޕީޕީގެ މަޖިލިސް މެންބަރު ޑުއްލާސް އަލަހަޕެރުމަ އަދި އެންޕީޕީގެ ލީޑަރު އަނޫރާ ކުމާރަ ދިޔަނަޔަކައެވެ.

ގާނޫނު ހަދާ މަޖިލީހުގެ 225 މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް މިއަދު ލެވޭއިރު އެއް ބުރުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވޯޓު ކެނޑިޑޭޓަކަށް ނުހޯދިއްޖެނަމަ ދެވަނަ ބުރެއް ކުރިއަށްދާނީ އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެނޑިޑޭޓެއްގެ މެދުގައެވެ. ދެވަނަ ބުރަކަށްގޮސް އެއްވަރުވެއްޖެނަމަ ރައީސަކު ހޮވާނީ ގުރުއަތު ލައިގެންނެވެ.

އިގްތިސާދީ ހާލަތު އިންތިހާއަށް ދަށްވެފައިވާ ސްރީ ލަންކާގައި އާ ރައީސަކު މި ހޮވަނީ ގައުމުގެ އާއްމު ރައްޔިތުން ނިކުމެ ގޮތާބޭ އިސްތިއުފާ ދެއްވަން މަޖުބޫރުކުރުމުން ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން ގޮތާބޭ އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް