ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް ވިއްސާރަކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ މި ބުލެޓިންގައި ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވާއިރު ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
ރާޅުގެ އުސްމިން މިއަދު މެދުރާއްޖެއާއި އުތުރުގައި ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށާއި ދެކުނުގައި ރާޅުގެ އުސްމިން ހުުންނާނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައި ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް