ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް މަދުވެގެން ނުވަ މަސް ދޭންޖެހޭ: މޭޔަރު ޑރ. މުއިއްޒު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ނިންމަން ފްލެޓު ލިބުނު މީހުންނަށް ނުވަ މަސް ދޭންޖެހޭ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމ...

20 Jul 2021 | 18:04

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ނިންމަން ފްލެޓު ލިބުނު މީހުންނަށް ނުވަ މަސް ދޭންޖެހޭ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު ހުރިހާ ފްލެޓެއް ހަވާލުކޮށް އަންނަ މަހުގެ 15 ގައި ނިމޭނެ އެވެ. އޭގެ ފަހުން ފްލެޓުތަކުގެ މަސައްކަތް ނިންމަން ފްލެޓުތަކުގެ ވެރިފަރާތަށް ދޭން ނިންމާފައިވަނީ ތިން މަސް ދުވަހެވެ.

މި މައްސަލައިގަ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް މިރޭ ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދިވެސް ތިން މަހުގެ މުއްދަތަށް ބަދަލު ގެނެސް މުއްދަތު އިތުރުކޮށްދިނުމާއި މެދު ސަރުކާރުން ނުވިސްނާ ކަމަށެވެ. އޭނާ ވަނީ ރައްޔިތުންގެ އާދޭހަށް މިހާ ބީރު ކަންފަތް ދެނީ ކީއްވެތޯ ސުވާލު ކުރައްވާފައި އެވެ.

މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އަދިވެސް އެދެނީ ފްލެޓު ލިބުނު ފަރާތްތަކަށް ފިނިޝިންއަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން އެކަމުގައި ދެކޭ ގޮތް ލިޔެކިޔުމުންވެސް ފޮނުވާފައި ވާކަމަށެވެ.

އެކަމަކު މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

https://twitter.com/MMuizzu/status/1417483010375659530

މިހާތަނަށް ސަރުކާރުން ދޫކުރާ އެންމެ އަގު ބޮޑު ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ މި ފްލެޓުތަކަށް މަހަކު 8،500 ރުފިޔާ ދައްކަން ޖެހެ އެވެ. އެއީ 7،500 ކުލީގެ ގޮތުގައި އަދި 1،000 ފްލެޓު މެއިންޓަނަންސްގެ ގޮތުގައި އެވެ.

ފްލެޓުތަކުގެ ފިނިޝިންއަށް ދޭ ނިންމާފައިވާ ތިން މަހު ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އެކަން ނުވާނެ ކަމަށް ބުނެ ފްލެޓު ލިބުނު މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ މުއްދަތު އިތުރު ކޮށްދޭންވެސް އެދެމުންދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް