ސައުދި އަރަބިއްޔާގެ ރައްޔިތުން އެ ގައުމުން ބޭރަށް ދަތުރު ކުރާ ނަމަ ކޯވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކުރުން މަޖުބޫރު ކުރަން ނިންމައިފި އެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނީ މި ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެ ދުވަހުން ފެށިގެން ގައުމުން ބޭރަށް ދަތުރު ކުރުމަށް ތިން ބަޔަކު ފިޔަވާ ހުރިހާ އެންމެންނަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް ވާން ޖެހޭނެ ކަމަށް ބުނެ އެވެ.
އިންޓީރިއާ މިނިސްޓްރީން ބުނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ހުރަހެއް ނެތި ބެލެވިވެރިންނާއި އެކު ސައުދީން ބޭރަށް ދަތުރު ކުރެވޭނެ ކަމަށެެވެ. އަދި ކޯވިޑް ޖެހުނުތާ ހަ މަސް ނުވާ މީހުންނަށް ވެކްސިން ދެ ޑޯޒު ފުރިހަމަ ނުކުރިޔަސް ދަތުރު ކުރެވޭނެ އެވެ.
މީގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ ސައުދީ ރައްޔިތުން ވެކްސިންގެ އެއް ޑޯޒު ފުރިހަމަ ކޮށްފައިވާ ނަމަ ސައުދީން ބޭރަށް ދަތުރު ކުރެވޭނެ ކަމަށް ބުންޏެވެ.
މި ގޮތަށް އުސޫލު ބަދަލު ކުރަން ނިންމީ ދުނިޔޭގެ އެކި ގައުމުތަކުން ކޯވިޑްގެ ތަފާތު ވޭރިއަންޓުތައް ފެންނާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ އެވެ.
ސައުދީގައި މިހާތަނަށް 20 މިލިއަން ކޯވިދް ވެކްސިން ޑޯޒު ޖަހައިދީފައިވެ އެވެ. އަދި އެ ގައުމުގައި ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކޮށްފައިވާއިރު މިހާރު އާންމުކޮށް ދުވާލަކު ބަލި ޖެހެނީ 1،000 އެއްހާ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް