ކޯވިޑް-19ގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ އީދު ދުވަހަކީ ދިވެހިންގެ ސަގާފަތާއި އާދަކާދައާ ގުޅިފައިވާ، އެންމެން އެކީ ފާހަގަކުރާ މުހިންމު ދުވަހެއް ކަމަށެވެ. ނަމަވެސް އަޟްޙާ އީދާ ގުޅިގެން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމާއި އީދުގެ ހަރަކާތްތައް ރައްކާތެރިކަމާއެކު ފާހަގަކުރުމަށް ހުރިހާ އެންމެން ވެސް އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
https://twitter.com/HPA_MV/status/1417347161369374720
އަޟްޙާ އީދާ ގުޅިގެން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށް އަލިއަޅުވާލައި އެޗްޕީއޭއިން ބުނީ ދަތުރުމަތީގައި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ މަދުވެގެން ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭ ކަމަށެވެ. އީދު ކެއުމެއް ބާއްވާނަމަ ހަމައެކަނި ތިމާ ދިރިއުޅޭ އާއިލާގެ މީހުންނާއެކީ ކެއުން ބޭއްވުމާއި، އެހެނިހެން މީހުންނާއެކު ގުރޫޕް ބޮޑު ނުކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މީގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ އީދު ހަރަކާތްތަކާއި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ މުބާރާތްތައް ނުބޭއްވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ބަލީގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޯވިޑް-19ގެ ހަތަރު ވަނަ ރާޅަށްފަހު ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް