އެމްޑީޕީ ސަރުކާރުން ވެފައިވާ ވައުތުތައް ފުއްދުމަށް އެމްޑީޕީގެ މައްޗަންގޮޅިި އުތުރު ދާއިރާ އިން ގޮވާލައިފި

އެމްޑީޕީ ސަރުކާރުން ވެފައިވާ ވައުތުތައް ފުއްދުމަށް އެމްޑީޕީ މައްޗަންގޮޅިި އުތުރު ދާއިރާ އިން ގޮވާލައިފި އެވެ. އެ ދާއިރާއިން ނެރުނު ބަޔާނެއްގައި ބުނީ، 30 އަހަރު ދުވަހުގެ ހުދުމުޙުތާރު ވެރިކަން ނިމުމަކަށ...

20 Jul 2021 | 09:54

އެމްޑީޕީ ސަރުކާރުން ވެފައިވާ ވައުތުތައް ފުއްދުމަށް އެމްޑީޕީ މައްޗަންގޮޅިި އުތުރު ދާއިރާ އިން ގޮވާލައިފި އެވެ.

އެ ދާއިރާއިން ނެރުނު ބަޔާނެއްގައި ބުނީ، 30 އަހަރު ދުވަހުގެ ހުދުމުޙުތާރު ވެރިކަން ނިމުމަކަށް ގެނައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ފެށުނީއްސުރެއް އަނިޔާވެރިކަމާއި ދެކޮޅަށް ވަކާލާތު ކުރަމުންދާ ޕާޓީއެއް ކަމަށާއުި މިފަހުން ދިން ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓު ޙަމަލާގައި ޝިކާރަަކަށްވެވަޑައިގަތް އެ ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އެކަމާގުޅިގެން ސަރުކާރަށް ގޮވާލެއްވި ގޮވާލެއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާއިން ތާޢީދުކުރާ ކަމަށެވެ.

އެމްޑީޕީ އަކީ އަބަދުވެސް އިސްލާމީ ރިވެތި މެދުމިނުގެ އުސޫލުތަކަށް ތާއީދުކުރާ، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަކަމާއި، ތަރައްޤީ ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީ އެކެވެ. ހަމައެހެންމެ، 2018 ގެ ރިޔާސީ އިންތިހާބު އަދި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވަޢުދަކީ ގޮތް ނޭންގި ގެއްލުވާލައި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވަޢުދު ކަމަށް ބަޔާނުގައި ވެވެ.

"6 މެއި 2021 ގައި ދިން ޓެރަރިސްޓް ޙާމަލާ ގައި ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމަނިކުފާނުގެ ބޮލުގައި ވަކި ލޭބަލްތަކެއް އަޅުވަައި, މުޖުތަމައުގައި ވަކި ބަޔަކާމެދު ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު, އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަން މިޕާޓީގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ޤަބޫލު ކުރެވެއެވެ." ބަޔާނުގައި ބުންޏެވެ.

އެހެން ނަމަވެސް, ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމަޢުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވަޢުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެ ޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް މައްޗަންގޮޅި އުތުރު ދާއިރާއިން ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، މި ކުޑަކުޑަ އާބާދީއެއް އޮތް މިރާއްޖެއަކީ އަމާން ވެއްޓެއް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، ރިޔާސީ ވަޢުދުތައް ފުއްދުން ހަލުވިކުރުމަށާއި، އެ.މް.ޑީ.ޕީ. ގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް ދިފާޢު ކޮށްދެއްވުމަށް މައްޗަންގޮޅި އުތުރު ދައިރާއިން އިލްތިމާސް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް