އުންބަށް ޖައްސަވައި ޕީޕީއެމްއަށް އެނބުރި ވަޑައިގެން ސަބަބު މަލީހުގެ ދުލުން!

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ން ވަކިވެ ވަޑައިގަތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން އެ ޕާޓީގައި އެޅުވި ފަނިތަކެއްގެ ސަބަބުން ކަމަށާއި އެ ފަނިތައް އަނބުރާ އެމްޑީޕީއަށް ހިނގައް...

20 Jul 2021 | 09:51

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ން ވަކިވެ ވަޑައިގަތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން އެ ޕާޓީގައި އެޅުވި ފަނިތަކެއްގެ ސަބަބުން ކަމަށާއި އެ ފަނިތައް އަނބުރާ އެމްޑީޕީއަށް ހިނގައްޖެ ކަަމަށް ދިވެހިރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، ޕީޕީއެމްއާ ގުޅިވަޑައިގެންނެވި މެމްބަރުންނަށް މަރުޙަބާ ދެންނެވުމަށް ރޭ ބޭއްވި ޖަލްސާއެއްގައެވެ. މަލީޙް ވިދާޅުވީ، ކުޑަ ވަގުތުކޮޅަކަށް ޕީޕީއެމްއާ އެއްފަރާތްވާން ޖެހުނީ ފަނިތަކެއްގެ ސަބަބުން ކަމަށާއި މިއަދު އެ ފަނިތައް އެމްޑީޕީ ހަލާކު ކުރަމުންދާ ކަަމަށެވެ.

މަލީޙް ވިދާޅުވީ އެނބުރި ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ، ޕީޕީއެމް އަބުރާ ވެރިކަމަށް ގެނައުމަށް ކަމަށެވެ.

"އަޅުގަނޑު އެނބުރި ޕީޕީއެމްއަށް މި އައީ، އެއީ ވަތަނީ، ޤައުމީ، ދީނީ ސިޔާސަތު، ޤައުމަށް ހެޔޮ އެދޭ ވިސްނުމުގެ ޕާޓީއެއް ކަމަށް ވާތީ. އަޅުގަނޑު އެނބުރި މިއައީ އަނެއްކާވެސް ޕީޕީއެމް އެނބުރި ވެރިކަމަށް ގެނައުމުގެ މުހިންމު މަސައްކަތަށް" ވިދާޅުވިއެވެ.

މީގެ އިތުރުން، މަލީޙް ވިދާޅުވީ އެމަނިކުފާނަކީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރި މީހުން ހިމެނޭ ޓީމްގެ މީހެއް ކަމަށާއި 2023ވަނަ އަހަރު ވެސް ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ނަމަވެސް 2015 ވަނަ އަހަރު މަލީޙް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. އޭގެ މަހެއް ފަހުން ޕީޕީއެމްއިން މަލީހް ވަކިވެ ވަޑައިގަތީ، ޕީޕީއެމް އިސްވެ ދިވެހި ބިން ފަރަންޖީންނަށް ވިއްކާ މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކޮށްފައިވާތީ ކަމަށް ވިދާޅުވެއެވެ.

ސިޔާސި ގޮތުން ދެން އެމަނިކުފާނު ފެނިވަޑައިގަތީ، 2018 ވަނަ އަހަރު ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވި ބޭފުޅެއްގެ ގޮތުގައެވެ. މަލީހް މި ސަރުކާރުގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުން ވަކި ކުރެއްވީ އިތުބާރު ނެތް ކަމަށް މަޖިލީހުން ކަނޑައެޅުމުންނެވެ.

އެ އަށް ފަހު މަލީހް ވަނީ އަނެއްކާ ވެސް ރާގު ބަދަލުކޮށް ސަރުކާރަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ. އަދި ފަހުން "އުނބަށް ޖައްސަވައި" ޕީޕީއެމްއާ ގުޅިވަޑައިގެންނެވީއެވެ.

މަލީޙްގެ ވާހަކަފުޅުގައި އެމަނިކުފާނު ޕީޕީއެމްއާ ގުޅުނު ސަބަބު ހާމަކުރައްވަމުން ވިދާޅުވީ ސިޔާސީ ގޮތުން ހުއްޓި ޤައުމުގެ ކަންކަން ބޮއްސުން ލައިގެންދާއިރު ބަލަން ހުންނަން ބޭނުން ނުވާ ކަމަށެވެ. އަދި ސިޔާސީ ކަންތަކުގައި އުޅެން ބޭނުން ކަމުގައި ވަންޏާ މިއަދު ޑިމޮކްރަސީއަށް އެންމެ ފައްކާ ވެފައިވާ، އެތެރޭގައި ޑިމޮކްރަސީ އެންމެ ހަރުދަނާ، ޤައުމަށް ރަނގަޅު މަސައްކަތްތަކެއްކޮށްދެވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް މަލީޙް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް