ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތާ، ނަބިއްޔާއަށް ފުރައްސާރަކުރުމާއި މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަ މަންޒަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދާކަމަށް މިއަދުގެ ޢީދު ޙުޠުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ، އިސްލާމްދީން އެ ދީނުގެ ވަޠަނުގައި ބީރައްޓެހިކޮށްފައިވާކަމަށާއި، މުސްލިމުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާކަމަށެވެ.
ޚުޠުބާގައި މިއަދަކީ ޤުރުބާނީގެ ދުވަހެއްކަމަށާއި، މާތްﷲ އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވި އިބްރާހީމުގެފާނާއި، ލޮބުވެތި ދަރިކަލުން އިސްމާޢީލުގެފާނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިޚާނުން މުޅި އިސްލާމީ ޢުއްމަތް ޢިބުރަތް ޙާޞިލުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އިބްރާހީމުގެފާނުގެ ދަރިކަލުންގެ ވާހަކައިން އިތުރު ފިލާވަޅުތައް ދަސްކުރަން ޖެހިފައިވާކަމަށާއި، މިއަދު ފެންނަމުންދަނީ އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަ ތަންކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
މީގެ އިތުުރުން މުސްލިމް އިލްމުވެރިންގެ ގަދަރު ވައްޓައިލަމުން ދާ ކަމަށާއި އިސްލާމީ ޔުނިވާސިޓީތަކާއި، މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް އަޑު އުފުލަމުން ދާ ކަމަށާއި މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުން ދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ އިސްލާމީ އުއްމަތަކީ، އަހުރެން ވަންތަކަން ދޫކޮށްލައި، އަހުރެމެން ވަންތަކަމަށް ޓަކައި، މަސައްކަތް ކުރަން ޖެހޭ އުއްމަތެއް ކަމަށެވެ. އަދި އީދު ދުވަހު އައު ހެދުންލައި ޒީނަތްތެރިވުން ރަމްޒުކޮށްދެނީ، އަޅުގަނޑުމެންގެ ހަށިތަކެކޭ އެއްފަދައިން، އަމަލުތައް ވެސް އިސްލާމީ އަޚުލާގުން ޒީނަތްތެރި ކުރަން ޖެހޭނެކަން ކަމަށެވެ. އަދި ހުވަނދުލައި މީރުވަސް ދުއްވާ ގޮތަށް، އިސްލާމީ އަޚްލާގުގެ ހުވަނދުން މުޖްތަމައު އެއްވަސްކުރަން ޖެހޭނެކަން ކަމަށެވެ.
މިއަދު ފެންނަމުންދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތާތަން ކަމަށާއި، އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ބޭނުންވެފައިވާކަމަށް ޢީދު ޚުޠުބާގައި ބުންޏެވެ. 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދަށްފަހު ރާއްޖޭގެ މިސްކިތްތަކުގައި ދިން ޢީދު ޚުޠުބާ ޚާއްސަކޮށްފައިވަނީ "އަޟްޙާ ޢީދުގެ އިޙްތިފާލު" މި މަޢުޟޫއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް