ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިއުލާން ކުރީ ގާނޫނު އަސާސީއާއި ހިލާފަށް: އެމްޑީޕީ

ރައްޔިތުންގެ މަޖިލިހުގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި ތުލުސްދޫ ދާއިރާއާއި، މަޑުއްވަރީ ދާއިރާއާއި، ވިލިނގިލި ދާއިރާ އަދި ދިއްދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝ...

20 Jul 2017 | 14:38

ރައްޔިތުންގެ މަޖިލިހުގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި ތުލުސްދޫ ދާއިރާއާއި، މަޑުއްވަރީ ދާއިރާއާއި، ވިލިނގިލި ދާއިރާ އަދި ދިއްދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ބުދަ ދުވަހު ނިންމާފައިވަނީ ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް އެ ކޮމިޝަނަށް ލިބިދޭ ޤާނޫނީ ބާރުތަކުގެ ބޭރުން ކަމުގައިވާތީ އެކަން އެންމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކޮށް އެއީ ޣައިރު ޤާނޫނީ ބާޠިލް ނިންމުމެއް ކަމުގައި އެމްޑީޕީން ދެކޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އެ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު މަޤާމުން ވަކިކުރާން ޖެހިއްޖެ ހިނދެއްގައި ނުވަތަ މެންބަރެއްގެ ގޮނޑި ހުސްވުމާ މެދު ގޮތެއް ކަނޑައަޅާނީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައި ފަދައިން ސުޕްރީމް ކޯޓުން ކަމުގައިވާ ހިނދު، އެފަދަ ނިންމުމެއް ކުއްލި ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށެވެ. އަދި އެފަދައިން ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިވެހިރާއްޖޭ އެއްވެސް ޤާނޫނަކުން އަދި ޤަވާއިދަކުންވެސް ލިބިނުދޭކަން ފާހަގަ ކުރާ ކަމަށެވެ.

"ރައްޔިތުންގެ މަޖިހުގެ 4 މެންބަރުންގެ ގޮނޑި ހުސްކުރުމާ މެދު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހުގެ ލަފަޔަކަށް ބުދަ ދުވަހު އެދިފައިވާ ކަމާއި އެއީވެސް އެ ކޮމިޝަނަށް ލިބިދޭ ބާރެއް ނޫނެވެ. އަދި އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ޚުދު ރައްޔިތުންގެ މަޖިލިހަށްވެސް ޤާނޫނު އަސާސީން ލިބިދީފައި ނުވެއެވެ." އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިދުވަސްވަރުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޢަބްދުﷲ ޔާމީންގެ ފެކްޝަނުން އަންގާރަ ދުވަހުގެރޭ ބައްދަލުވުމެއް ބާއްވައި އެ ޕާޓީން މީގެ ކުރިން ވަކިކޮށްފައިވާ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމާއެކު އަވަސް އަރުވާލައިގެން އިލެކްޝަންސް ކޮމިޝަނުންވެސް ހަމަ އެގޮތަށް ނިންމުމުން ކޮމިޝަންގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.  އަދި އިލެކްޝަންސް ކޮމިޝަނުގެ މިފަދަ ޢަމަލުތަކުން އެއީ ސީދާ ޢަބްދުﷲ ޔާމީން ވިދާޅުވީމާ އެގޮތަކަށް ކަންކަން ކުރަން ތިބި ބައެއްކަން ހާމަވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަންކަން އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަންކަން އިސްލާޙްކުރުމުގެ ބާރުތައް ލިބިދީފައިވާ މިނިވަން މުވައްސަސާތަކުން މިފަދައިން ޢަމަލުކުރަމުންދާތީ އެކަމާ މެދު އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށާއި ތަރައްޤީއަށް އަސަރުކުރާނެ ކަމަށެވެ. ވީމާ، އިލެކްޝަންސް ކޮމިޝަނާ ޤާނޫން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށާއި ވަކި ފަރާތެއްގެ މަސްލަޙަތު ހިމާޔަތް ކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އެފަދައިން ޢަމަލުކުރުމަށް އުޒުރުވެރިވާނަމަ ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށެވެ. ވަކިން ޚާއްސަކޮށް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ ޕީޕަލްސް އެލައިންސް، ޕީ.އޭގެ މެންބަރު އަޙްމަދު ސުލައިމާން މިހާރުވެސް ޢަބްދުﷲ ޔާމީނަށް ވަފާތެރިވެ، އިލެކްޝަންސް ކޮމިޝަން ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް